މާލެ ސިޓީ ކައުންސިލުގެ ހަރަދުގައި މާލެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ފުލުހުން ނެރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ހަރަދުގައި މާލެތެރެ ބެލެހެއްޓުމަށް ހާއްސަ ކޮންސްޓެބަލުން ނެރުމަށްޓަކައި ފުލުހުންގެ މުއައްސަސާއާއެކު އަންނަ ހަފްތާގައި އެއްބަސްވުމެއް އެކުލަވާލާނެ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މިކަން ރަސްމީކޮށް ފެށުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ކޮންސްޓެބަލުން ނެރުމަށް ހަމަޖެހިފައިވަނީ މާލޭގެ ހުރިހާ އަވަށެއް ހިމެނޭހެން ހަ ޒޯނަކަށް ބަހާލައިގެން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މިއީ މާލޭ ސިޓީއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، މާލޭ ސިޓީއަކީ ކުށްމަދު ސިޓީއަކަށް ހެދުމަށް ކައުންސިލުންކުރާ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

"އެ މީހުންނަކީ އެބަޔަކު ބޭނުންވާގޮތަކަށް ކަންކަން ބަލަހައްޓައިދޭ ބައެއް. މިސާލަކަށް އަޅުގަނޑުމެން ބޭނުންވަނީ ޕާކުތައް ބަލަހައްޓައިދޭން، ނޫނިއްޔާ މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ނޫނީ ކުނި އަޅާފައި ހުންނަ މައްސަލަ ނޫނިއްޔާ އެހެން ކަހަލަ އިޖްތިމާއީ އާންމު އުނދަގޫތަކާ ގުޅޭ މައްސަލަތައް މިކަންކަން ޕޮލިހުގައި ހުންނަ އެންފޯސްމަންޓް ޕަވާ ބޭނުންކޮށްގެން އެންފޯސްކޮށްދޭނެ ބައެއް. އެމީހުންނަށް މުސާރަ ދޭންޖެހޭނީ ސިޓީ ކައުންސިލުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހައެއް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކޮށްފައިވާ ޕާކުތަކާއި ފިނިމައިޒާންތައް މަރާމާތުކޮށް އާބަތުރަފިލުވުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށެވެ. އަދި އަމާޒަކީ ކައުންސިލުގެ މި ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މިގޮތަށް ހުރި ހުރިހާ ޕާކުތަކަކާއި މައިޒާންތަކެއް މަރާމާތުކޮށް އަލުން އާއްމުންނަށް ހުޅުވާލުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.