ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލުތައް ބަޔާންކުރާ މަދަނީ އިޖުރާއާތުގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި މަދަނީ އިޖުރާއަތުގެ ބިލު ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. މިބިލުގައި 400 އަށްވުރެ ގިނަ މާއްދާ ހިމެނެ އެވެ.

މަދަނީ އިޖުރާއަތުގެ ބިލުގައި ހިމެނޭ ބައެއް ކަންކަން:

  • ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި ހުށަހަޅާނެ ގޮތް
  • ދައުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދައުވާއެއް އިސްލާހު ކުރާނެ ގޮތް
  • ހަސްމުންނާގުޅޭ އުސޫލުތައް ކަނޑައެޅުން
  • މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުން
  • ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން އަމަލުކުރަން ޖެހޭ ގޮތް
  • މައްސަލައާ ގުޅޭ ލިޔުންތައް ހާމަކުރުމާއި ހެކި ނެގުމުގެ އިޖުރާއަތްތައް ކަނޑައެޅުން
  • ޝަރީއަތް ހިންގުމަކާ ނުލައި މައްސަލައެއްގެ ހުކުމް ކަނޑައެޅޭނެ އުސޫލުތައް
  • ޝަރީއަތާ ގުޅިގެން ހިނގާ ޚަރަދު ޚަސްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން
  • ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރާނެ އިޖުރާއަތް
  • މައްސަލަ އިސްތިއުނާފް ކުރާނެ ގޮތް
  • ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުން

ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މަދަނީ މައްސަލަތަކުގައި ޝަރީއަތްކުރުމުގައި ކޯޓުން ހިފަހައްޓަން ޖެހޭ ހަމަތަކާއި، އާންމު ވާޖިބުތަކާއި ބާރުތަކާއި، ކޯޓުތަކުގެ އިހުތިސޯސުތައް އެ ބިލުގެ ފުރަތަމަ ބާބުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރަށް މަދަނީ މައްސަލަތަކުގައި ދައުވާކުރާނެ މުއްދަތުތަކާއި، އެ މުއްދަތުތައް ކަނޑައެޅުމުގައި އިސްތިސްނާވާ ހާލަތްތަކަކީ ކޮބައިކަމާއި، މަދަނީ މައްސަލަތަކުގައި ހިމެނޭ ހަސްމުންނަކީ ކޮބައިކަން ބިލުގެ ފުރަތަމަ ބައިގައި ވަރަށް ތަފުސީލުކޮށް ހިމަނާފައިވެ އެވެ.

އަދި ޝަރީއަތުގެ ކުރިން އަމަލުކުރަންޖެހޭ ކަންކަން ކަމުގައިވާ ދައުވާކުރުމާ ގުޅޭ ކަންކަމާއި ދައުވާއާ ގުޅޭ އުސޫލުތަކާއި ހާއްސަ ބާވަތްތަކުގެ ދައުވާތަކަކަކީ ކޮބައިކަން ބިލުގެ ދެވަނަ ބައިގައި ތަފުސީލުކޮށްފައިވެ އެވެ.