ވިއެނާ (29 ނޮވެމްބަރު) - ސުލްހައިގެ އާ އުއްމީދުތަކާއެކު 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަކުރުމަށް އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ ނުސީދާ ނިއުކްލިއާ މަޝްވަރާތައް ފަށައިފި އެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އިއްޔެ ފެށި މި މަޝްވަރާތަކުގައި އެ ދެގައުމުގެ އިތުރުން އެއްބަސްވުމުގެ އިތުރު ބައިވެރިން ކަމަށްވާ ރަޝިއާ، ޗައިނާ، ފްރާންސް، ޖާމަނީ އަދި އިނގިރޭސިވިލާތް މެދުވެރިންގެ ގޮތުގައި ބައިވެރިވާނެ އެވެ.

ކޮވިޑް 19ގެ ސަބަބުން ލޮކްޑައުން އިއުލާން ކޮށްފައިވާ ވިއެނާގެ ޕަލައިސް ކޮބާގް ހޮޓަލްގައި މަޝްވަރާތައް ކުރިއަށް ދާއިރު އެއީ މީގެ ހަ އަހަރު ކުރިން ނިއުކްލިއާ އެއްބަސްވުމުގައި ސޮއި ކުރެވުނު ތަން ވެސްމެ އެވެ.

2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމަކީ އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމުގެ ބަދަލުގައި އީރާނުން ކުރިއަށް ގެންދާ ނިއްކްލިއާ ހަރަކާތްތައް މަޑުޖައްސާލަން އެއްބަސްވެ ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެކެވެ.

އެގޮތުން އެމެރިކާއިން އީރާނަށް އަޅާފައިވާ އިގްތިސާދީ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްބަސްވުމުގެ ދަށުން ނަގާފައިވާއިރު އޭގެ ބަދަލުގައި އީރާނުން ވަނީ އެގައުމުގެ ޔުރޭނިއަމް އުފެއްދުންތެރިކަން ބޮޑުތަނުން ދަށްކޮށްފަ އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އެގައުމުން ވަނީ އެއްބަސްވުމާ ހިލާފުވެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފަ އެވެ. އެއާއެކު އީރާނުން ވެސް އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް އިތުރުކުރި އެވެ.

މިހާރުގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އެއްބަސްވުން އަލުން އިޔާދަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު އެކަމަށްޓަކައި މިދިޔަ ޖޫން މަހު ބޭއްވި އެންމެ ފަހުގެ މަޝްވަރާތައް ނިންމާލަން ޖެހުނީ މާބޮޑު ކުރިއެރުމެއް ނުލިބި އެވެ.

ވިއެނާ މަޝްވަރާތަކާއެކު އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނަގަން އެގައުމުން ވިސްނަމުން ދާތީ އިޒްރޭލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެއީ އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް ބުނެފަ އެވެ. – އަލް އަރަބިއްޔާ