ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ފަސް އަހަރުގެ ޖަލު ހުކުމް ރައީސް ޔާމީން މިނިވަންވުމާއި ގުޅިގެން ފިލާފާނެތީ ފުލުހުން އެދިގެން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނު ޖަލަށްލުމުން ވެސް ރައްޔިތުންގެ ހައްގުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީނަކީ ޖަލަށް ލައިގެން އަދި ސަރުކަރުން ކުރާ އަނިޔާއަކުން ފިލަން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާނެ! ޖަލަށް ލީމަވެސް ހުންނެވީ ރައްޔިތުންނާއިއެކު ރާއްޖޭގައި! ދެންވެސް ހުންނަވާނީ ރައްޔިތުންނާއިއެކު! ދައުލަތުގެ މުއައްސަސާތަކުން މުއްތަޤިއްލު ކަމަކާއިއެކު ވާޖިބު އަދާކޮށް، އަދާލަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ، މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅައި, ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައި ވަނިކޮށެވެ.