ސްޓޮކްހޯމް (03 ޑިސެމްބަރު) - އީރާނުގެ އެންމެ ފަހުގެ އަމަލުތަކަށް ބަލާއިރު އެގައުމާއެކު 2015 ވަަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ސްވިޑަންއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ އީރާނުގެ އަމަލުތަކުން ދެފަރާތް އެއްބަސްވާ އެއްބަސްވުމަކަށް އައުމުގެ އުއްމީދު ނުކުރެވޭ ކަމަށެވެ.

"މިފަހުން އީރާނުގެ ފަރާތުން ފެނުނު ބައެއް އަމަލުތަކާއެކު އެއްބަސްވުން އިޔާދަ ކުރުމާ މެދު އުއްމީދު އާވެފައެއް ނުވޭ،" ބްލިންކަން ވިދާޅުވި އެވެ.

ބްލިންކަން އިތުރަށް ވިދާޅުވީ އީރާނުގެ މަޝްރަހާ މެދު ރަޝިއާއާއި އިޒްރޭލާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެއްބަސް ވުމަކަށް އާދެވޭނީ އީރާނުގެ ފަރާތުން އުއްމީދީ އަމަލުތަކެއް ފެންނަ ނަމަ ކަމަށެވެ.

ބްލިންކަން މިހެން ވިދާޅުވެފައި މިވަނީ ވިއެނާގައި ބޭއްވި ނިއުކްލުއާ މަޝްވަރާތަކާ ދިމާކޮށް އީރާނުން އުފައްދާ ޔޫރެނިއަމްގެ މިންވަރު އިތުރުކޮށް ނިއުކްލިއާ ޕްރޮގްރާމް ފުޅާކޮށްފައި ވަނިކޮށެވެ.

"އަދިވެސް އީރާނުގެ އަމަލުތައް ރަނގަޅު ކުރަން ލަހެއް ނުވޭ" އޭނާ ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ