ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ޚާއްސަ ރިވެލި އެވޯޑާއި ރިވެލި ތަރި 13 ފަރާތަކަށް ދީފި އެވެ.

މި އެވޯޑަކީ ޖެންޑާ މިނިސްޓްރީން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަދަ ފަރާތްތަކުގެ ހައްގުގައި އެކި ގޮތްގޮތުން މަސައްކަތް ކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި މުވައްސަސާތަކުގެ އަގު ވަޒަންކުރުމަށް ދޭ އެވޯޑެކެވެ. "ރިވެލި އެވޯޑް 2021" ހަ ފަރާތަށް ދީފައިވެ އެވެ. އަދި "ރިވެލި ތަރި"އަށް ހޮވުނު ހަތް ފަރާތަށް ދެއްވާ ހާއްސަ އެވޯޑާއި އިނާމު ވެސް ރޭ ހަވާލުކޮށްފައިވެ އެވެ.

ރިވެލި އެވޯޑް ދިނުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން އެވޯޑު ލިބިފައިވަނީ ށ. ގޮއިދޫ ރިޙާބް އަހުމަދު ސާދިން އަށާއި ހ. ޖަނަވަރީމާގޭ މުހައްމަދު ޔަމާމްއަށެވެ. އެކި ގޮތްގޮތުން ރީތިނަމާއި ކާމިޔާބީތައް ހޯދުމުގެ ދާއިރާއިން މއ. އަރިވަރު މުޙައްމަދު އަޝްހަމް ޢަލީއަށް ވަނީ އެވޯޑު ދީފައެވެ. ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އއ. ފެރިދޫ ޝަބްނަމްގެ އަހުމަދު އާތިފްއަށް ވަނީ އެވޯޑު ދީފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަނަށް ވަނީ އެވޯޑު ދީފަ އެވެ. ތައުލީމު ދިނުމުގެ ދާއިރާއިން މިއަހަރު އެވޯޑު ލިބިފައި ވަނީ ޖަމާލުއްދީން ސްކޫލަށެވެ.

ސްކޫލްތަކުގެ ކެޓަގަރީން މިމުބާރާތުގައި ރިވެލި ތަރި ލިބުނީ އިމާދުއްދީން ސްކޫލަށެވެ. ތަޢުލީމީ ދާއިރާއިން ހއ. އިހަވަންދޫ ދުންތަރި މުޙައްމަދު މާއިޒްއަށާއި ހަމަ އެރަށު ވަފާ، ރަޔާން ރިޔާޒް އަބްދުލްވާހިދަށް ވަނީ ރިވެލި ތަރި ލިބިފަ އެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން މ. އަބާން، އަޔާން އާލް ބިން އަޙްމަދު ނާސިރަށް ވަނީ ރިވެލި ތަރި ލިބިފަ އެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޅ. ހިންނަވަރު، ކާނިމާގެ ފާތިމަތު އިބްރާހިމަށް އަދި ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ށ. ގޮތިދޫ، ރިޙާބް، އަހުމަދު ސާދިންނަށް ވަނީ ރިވެލި ތަރި ލިބިފަ އެވެ.

މިޙަފްލާގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ތަކެތީގައި ޖަހާނެ ލޯގޯއެއް ވެސް ތަޢާރަފްކޮށްފަ އެވެ.

ކޮންމެ ދެއަހަރަކުން އެއްއަހަރު ދެމުން އަންނަ ރިވެލި އެވޯޑަކީ މުޖުތަމަޢުގައި ހަވާސާ ކުރެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކަށަވަރުކޮށް އެކަމުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ. މިއެވޯޑަށް ކުރިމަތިލެވޭނީ ޚާއްސަ ވެގެންވާ އެއް ދާއިރާއަކަށް އަމިއްލަ ނަން ހުށައަޅައިގެން ނުވަތަ އެހެން ފަރާތަކުން އެމީހެއްގެ ނަން ހުށައަޅައިގެންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުރި މީހުންނަށާ ކުދިންނަށް ލުއިފަސޭހަގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ސަބަބުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވެ އެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަވާ ކުރިޔަށްގެންދެވިކަން ފާހަގަކުރެއްވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ މުހިންމު ކަމަކީ، އެންމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ ފުރިހަމައަށް އެފަރާތްތަކަށް ދިނުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.