ވިއެނާ (08 ޑިސެމްބަރު) - ވިއެނާގައި ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި އީރާނުން ހުށައަޅާފައިވާ ނިއުކްލިއާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ކަމަށް ފްރާންސްއިން ބުނެފި އެވެ.

އަންގާރަ ދުވަހު އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ ހުށެއެޅުންތަކުގައި މަޝްވަރާތަކުގެ އަސްލު މަގްސަދު ހާސިލްވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އެގޮތަށް އެއްބަސްވުން ކުރިއަށް ގެންދަން އީރާން ފިޔަވައި އެހެން އެއްވެސް ގައުމަކުން ގަބޫލެއް ނޫން،" އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުރުން ފްރާންސްއިން ވަނީ އެދެވޭ ކުރިއެރުމެއް ނުލިބި ވިއެނާ މަޝްވަރާތައް ނިންމާލަން ޖެހުނީތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހުކުރު ދުވަހު ވިއެނާ މަޝްވަރާތައް މެދުކަނޑާލިއިރު އަލުން މަޝްވަރާތައް ފަށާނެ ދުވަހެއް ކަނޑައެއް ނޭޅެ އެވެ.

"އީރާނުން ނިއުކްލިއާ ހަރަކާތްތައް ކަންބޮޑުވާ މިންވަރަށް ފުޅާކުރަމުން ދިއުމާއެކު އެއްބަސްވުމަކަށް އަންނަން މިވަނީ ވަގުތު ކުޑަތަން ވެފައި،" ބަޔާނުގައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީއިން ވަނީ އެ ގައުމުން ހުށައެޅި ހުށަހެޅުންތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް ކަމަށާއި މަޝްވަރާތަކަށް ހުރަސް އަޅަމުން ދަނީ ހުޅަނގުގެ ގައުމުތަކުން ކަމަށް ތުހުމަތު ކޮށްފަ އެވެ.

2015 ވަނަ އަހަރު އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަ ކުރުމުގެ މަޝްވަރާތައް އީރާނުން އިތުރަށް ފަސްކުރިޔަ ނުދޭނެ ކަމަށް މީގެ ކުރިން އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެމެރިކާއިން އީރާނަށް އަޅާފެއިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ހަރަކާތްތައް މަދުކުރުމަށް 2015 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އުވާލާފަ އެވެ.

ނަމަވެސް މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ އެއްބަސްވުން އަލުން އިޔާދަ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް މަޝްވަރާތައް ފަށައިފަ އެވެ. -- އަލް އަރަބިއްޔާ