ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގެ ޒަރިއްޔާއިން މީހުން ބްލެކްމެއިލްކޮށް ފައިސާ އަތުލި ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ބުނީ ވައިބާ، ޓެލެގްރާމް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް އެޕްތަކުގެ ޒަރިއްޔާއިން ވާހަކަދައްކައި ގެސްޓުހައުސްތަކަށް މީހުން ގެންދާކަމަށާއި، އެމީހުންގެ ބަރަހަނާ ފޮޓޯ އަދި ވީޑިއޯނަގައި ފައިސާ އަތުލަން ބްލެކްމެއިން ކުރާ ގިނަ މައްސަލަތަކެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ހުއްދަ ނޫން ގޮތްގޮތުން މީހުން ހިފަހައްޓައި ފައިސާ އަތުލުމުގެ ފަސް މައްސަލައެއްގެ ވާހަކަ ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާތަކާ ހިއްސާކޮށްފައިވެ އެވެ.
މި ބައްދަލުވުމެއްގައި މޭޖަ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ސޯޝަލް މީޑިއާ އެޕްތަކުގައި ވާހަކަދައްކައި، ބްލެކްމެއިލްކޮށްގެން މީހުން އަތުން ފައިސާ ހޯދާ މައްސަލަތަކުގައި އަންހެނުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.
"އެކި އުމުރުފުރާގެ އަންހެން ކުދިން ވެސް ބޭނުން ކޮށްގެން ޗެޓް ކުރުމަށް ފަހުގައި ބައްދަލުކުރުމަށް ކަމަށް ބުނެ ގެސްޓްހައުސްތަކަށާއި އެހެނިހެން ތަންތަނަށް ވިކްޓިމައިސްވާ ފަރާތްތައް ދިއުމުން އިތުރު ބަޔަކު އައިސް ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އެފަރާތްތަކަށް ބިރުދައްކައި، ވިކްޓިމައިޒްވާ ފަރާތްތައް ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ކުރުމަށްފަހުގައި އެފަރާތްތަކުގެ އަތުން ފައިސާ އާއި މޯބައިލް ފޯނާއި އަގުބޮޑުތަކެތި ފޭރިގެންކަން މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހްގީގުތަކަށް ފާހަގަ ކުރެވޭ،" ޝިފާއު ވިދާޅުވި އެވެ.