މިއަހަރު ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކ. ގާފަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ ރަށުގައި ސަރުކާރުން ގާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓެއް ހުޅުއްވައި ދެއްވައިފި އެވެ.
އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ސަރަޙައްދުގެ ގިނަ މަސްވެރިންނަށް އައިސް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގާފަރުގައި ގާއިމުކޮށްފައިވާ 3.5 މިލިއަން ރުފިޔާގެ މި އައިސް ޕްލާންޓަކީ 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާ އެކީ ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ.
އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ ގާފަރުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިޔަ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރިކޮށްދެއްވާފަ އެވެ. ރައީސް އަރިހުގައި ނައިބު ރައީސް ވެސް ވަނީ މި މުބާރާތް ބައްލަވާލައްވާފަ އެވެ.
"މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ނައިބު ރައީސް ވަނީ ގާފަރު މޮނިއުމެންޓް ވެސް ހުޅުއްވައިދެއްވާފަ އެވެ. މި މޮނިއުމެންޓުން ރަމްޒުކޮށްދެނީ ގާފަރަކީ މަސްވެރި ރަށެއްކަމާއި، އެކުވެރި ރައްޔިތެއް އުޅޭ މެހެމާންދާރީ ރަށެއްކަމެވެ." ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސް ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ގާފަރުގައި އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފަ އެވެ. ރައީސްގެ އަރިހުގައި ނައިބު ރައީސް ވެސް ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފަ އެވެ.
މި އެކްސްޕޯގައި މަސްވެރިކަމާގުޅޭ ވިޔަފާރިތަކުގެ 8 ސްޓޯލެއް ގައިމުކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ މިފްކޯ ސްޓޯލަށް ޒިޔާރަތްކުރައްވައި ފަސް އާ ޕްރޮޑަކްޓެއް ލޯންޗް ކޮށްދެއްވާފަ އެވެ. މިފްކޯ ސްޓޯލްގެ އިތުރުން، އެންސިސްގެ ސްޓޯލަކާއި، ހޮރައިޒަން ފިޝަރީޒްގެ ސްޓޯލަކާއި، މައިޒާން އިލެކްޓްރޯނިކްސްގެ ސްޓޯލަކާއި، ޓާމޯޑިޒޭން މޯލްޑިވްސްގެ ސްޓޯލަކާއި، ނޫ ރާއްޖެ ޕްރޮގްރާމްގެ ސްޓޯލަކާއި، އޫރިދޫގެ ސްޓޯލެއްގެ އިތުރުން ގާފަރުގެ ފަންނުވެރިންގެ ސްޓޯލެއް ހިމެނެ އެވެ.
މީގެ އިތުރުން ރައީސް ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފަ އެވެ.