ވޮޝިންޓަން (11 ޑިސެމްބަރު) - މިހާރު ކުރިއަށްދާ އީރާން ނިއުކްލިއާ މަޝްވަރާތަކުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެމެރިކާއާއި އިޒްރޭލުގެ ޚާރިޖީ ގުޅުންތައް އިތުރަށް ހީނަރުވެއްޖެ އެވެ.

2015 ވަނަ އަހަރު ވެވުނު ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަކުރަން ބައިޑަންގެ ސަރުކާރުން ޝައުގުވެރިކަން ފާޅުކޮށް އެކަމުގެ މަޝްވަރާތައް ކުރަމުން އަންނައިރު އެ އެއްބަސްވުމާ އަބަދުވެސް ދެކޮޅު ހަދަމުން އަންނަ އިޒްރޭލުގެ ފާޑުކިޔުން އެގައުމަށް ވަނީ އަމާޒުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ވޮޝިންޓަންގައި ތިބި އިޒްރޭލުގެ ދެ ޑިޕްލޮމެޓިކް ސަފީރުން ވަނީ އެގައުމުން ފައިބާފަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި އެއްބަސްވުން އަލުން އިޔާދަކޮށް އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށް ދިނުމަކީ އެގައުމުގެ ނިއުކްލުއާ ޕްރޮގްރާމް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމަށް ދެވޭނެ ފުރުސަތެކެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއިރު އެކަމަށް އެންމެ ބޮޑަށް ބާރުއެޅި ގައުމަކީ ވެސް އިޒްރޭލެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އީރާން ވެސް އެއްބަސްވުމާ ޚިލާފުވެ ނިއުކްލިއާ ހަރަކާތްތައް އިތުރު ކުރި އެވެ.

މިދިޔަ ހަފްތާގައި ބޭއްވުނު ވިއެނާ މަޝްވަރާތަކުގައި ދެގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

މަޝްވަރާތަކުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތކުރުމުގެ ފިޔަވަޅުތައް ލުއިކުރަން ތައްޔާރަށް އޮތް ކަމަށް ބުނިއިރު އިޒްރޭލުން ހުށައަޅާފައިވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށެވެ.

ވިއެނާގައި ބޭއްވި މަޝްވަރާތައް ނިންމާލާފައިވާއިރު މަޝްވަރާގައި އެދެވޭ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަންއިން ވަނީ ބުނެފަ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް