ތެހެރާން (11 ޑިސެމްބަރު) - އެމެރިކާއާއި އިޒްރޭލު ގުޅިގެން އަސްކަރީ ހަރަކާތްތައް ފަށައިފި ނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވެދާނެ ކަމަށް އީރާނުން ބުނެފި އެވެ.

"އީރާނުގެ މިސައިލްތައް ޓެސްޓު ކުރާނެ ފުރުސަތެއް ދީފިނަމަ އިދިކޮޅު ފަރާތްތަކަށް އެކަމުގެ ނަތީޖާ ހިތިވެ ބޮޑު އަގެއް ދައްކަން ޖެހިދާނެ،" އީރާން އަސްކަރިއްޔާގެ އިސް ކޮމާންޑަރެއް ވިދާޅުވި އެވެ.

އީރާނުން މިހެން ބުނެފައިވަނީ މިހާރު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ އީރާނާ ކުރިމަތިލާން ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރޮއިޓާސްއަށް ދިން އިންޓަވިއު އެއްގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މަޝްވަރާތައް ނާކާމިޔާބުވެ އެންމެ ގޯސް ހާލަތަކަށް ދާ ދަނޑިވަޅެއްގައި އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ނައްތާލަން ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވެމުން ދާއިރު މަޝްވަރާތަކުގައި އެދެވޭ ކުރިއެރުމެއް ލިބެމުން އަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން އިންވެސް ވަނީ ފާހަގަ ކޮށްފަ އެވެ. -- އަލް އަރަބިއްޔާ