ތަރައްގީގެ ކަންކަމުގައި ސަރުކާރުން ގެންދަނީ ރާއްޖެއަށް އިންގީލާބީ ބަދަލުތަކެއް ގެންނަމުން ކަމަށް ނައިބު ރައީސް ފައިސްލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ އެ މަނިކުފާނުގެ އުފަން ރަށް، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރޭ ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްގީގެ ކަންކަން މުޅި ރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްގީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމުގައި ވިދާޅު އެވެ. ހަމަ އެހެންމެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް، ރައްޔިތުންނަށް ވީ ވަޢުދުތައް ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ މައްޗަށް އަލިއަޅުވާލައްވަމުން މިއީ ޒަމާނުއްސުރެ ފުވައްމުލަކުގެ ރައްޔިތުން އިންތިޒާރުކުރަމުންއައި މަޝްރޫޢެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން މިއަދު އަމަލީ މަސައްކަތް ފެށިގެން ދިޔަ މި މަޝްރޫއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއްކަން ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ ފައިސަލް ވަނީ ސަރުކާރުން ފުވައްމުލަކުގެ ތަރައްގީއަށް މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި، އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވަނީ ޑެންމާކުގެ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. ޖުމްލަ 300,343,050 ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 606 ދުވަހުގެ ތެރޭގަ އެވެ.

މި މަޝްރޫޢަކީ ނެދަލެންޑް ސަރުކާރުގެ ހިލޭއެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީ ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕެއާ ވިންތާ ލާސަން އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ ނޭޝަނަލް ޕްލޭނިން ހައުންސިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ނެދަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖް އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާއި، ނެދަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓާންޔާ ގޮންގްރިޖްގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންނާއި ފުވައްމުލަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ނައިބު ރައީސް ފުވައްމުލަކަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.