މާލޭ ސިޓީ ކައުންސިލުން އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލެގެ ރަޖިސްޓަރީ ބާތިލްކުރި މައްސަލާގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަކީ މާލޭ ރައްޔިތުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ސިޓީ ކައުންސިލުން ބާތިލްކުރުމުން އެލްޖީއޭއަށް މައްސަލަ ހުށަހެޅީ އެޗްޑީސީގެ ފަރާތުންނެވެ. އެ މައްސަލާގައި އެލްޖީއޭއިން ނިންމީ މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނީގޮތުން އެ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ތަހްޤީޤެއް ހިންގުމަށް އެލްޖީއޭއިން ވަނީ ނިންމާފަ އެވެ.

މިމައްސަލައާ ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ އެލްޖީއޭގެ ނިންމުމަކީ ސަރުކާރުގެ ކުންފުންޏެއްގެ ދިފާއުގައި ރައްޔިތުންނާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެނިންމުމަކީ ކައުންސިލުން މަޖުބޫރުވެގެން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގާނޫނުން ކަނޑައަޅާފައިވާ މާލޭ ސިޓީގެ އިހްތިސާސް ސިޓީ ކައުންސިލަށް ނުލިބިގެން އެކަމުގައި ސަރުކާރުގައި އާދޭސްކުރާތާ އެތައް މަސްތަކެއް ފާއިތުވެ ހިނގައްޖެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގައި ތަކުރާރުކޮށް ދަންނަވައި، އެތައް ސިޓީއެއް ބަދަލުކޮށްގެން މިދިޔަ ހަމަސް ދުވަހު ކުރި އެއްވެސް ކަމަކުން ކުރިއެރުމެއް ނުލިބި އެ މަސައްކަތް ވީ ބޭކާރު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ހުޅުމާލޭއަކީ މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްކަން ގާނޫނުން ވަރަށް ސާފު ކަމަށާއި އެއީ މާލޭ ސިޓީގެ އެންމެހާ ރައްޔިތުންގެ ހައްގާ ގުޅިފައިވާ ތަނެއް ކަމަށެވެ.

"ރައްޔިތުންގެ މައިގަނޑު ހައްގުތައް ގެއްލޭ ހިސާބަށް ގޮސް ކޮޅުންލައި ހިސާބަށް ދިޔައިމަ، އަޅުގަނޑުމެން ދެން ކުރަންޖެހޭ ކަންކަން ކުރާނަން. އަޅުގަނޑުމެންނަކީ ހަރުކަށި ބައެއް ނޫން. މާލޭ ރައްޔިތުންގެ ހައްގުގައި ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހުނު ކަމެއް ކުރުން، އެއީ ހަރުކަށިވުން ކަމަށް މާނަކުރަންޏާ، އަޅުގަނޑުމެން ވަރަށް ފަޚުރުވެރިކަމާ އެކީގައި އެކަން ބަލައިގަންނާނަން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ ރަޖިސްޓްރީ އާ ބެހޭ ގޮތުން މޭޔަރު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ރަޖިސްޓްރީ ދެން ބަޔަކަށް ހަދައި ދޭނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ފަހު ކަމަށެވެ.

އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ސިޓީ ކައުންސިލުން ބާތިލްކުރީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ކައުންސިލުގެ ޖަލްސާގައި މިގޮތަށް ފާސްވީ 12 މެންބަރުންގެ އައުލަބިއްޔަތުންނެވެ. މިގޮތަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ މެންބަރަކު ވެސް ހިމެނެ އެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ހުޅުމާލެއަކީ މާލޭ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަނެއް ނަމަވެސް ސިޓީ ކައުންސިލަށް ހުޅުމާލޭގެ އެއްވެސް ކަމެއް ހަވާލުނުކުރާ މައްސަލާގައި އެޗްޑީސީ އާއި ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑުގެ ތެރެއިން އެޗްޑީސީން މިހާރު ވަނީ ކައުންސިލުގެ ނިންމުން ކޯޓަށް ވެސް ހުށަހަޅާފައެވެ. ޝަރީއަތުން ބޭރުގައި މައްސަލަ ޙައްލުނުވުމުން މިހާރު ވަނީ މައްސަލަ ޝަރީއަތަށް ފޮނުވާފަ އެވެ.