އަންހެން ދަރިފުޅަށް ވަލީ ނުދޭން ވެގެން ފިލައިގެން އުޅޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުވި މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުން ހޯދަމުން ދަނީ އއ. ތޮއްޑޫ، ޗާންދަނީމާގެ، ހަސަން ވަހީދު 40 އެވެ.

ހަސަން ވަހީދު ހޯދަމުންދަނީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ވަލީ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 23 ވަނަ ދުވަހުގެ 10:00 އަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ. .

ވީމާ، ހަސަން ވަހީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.