އިންސާފު ގާއިމުކުރުމަށް ނުކުތް އެމްޑީޕީ ދޯނީގެ ފަށަނެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މާލޭގައި ޓެކްސީ ދުއްވުމުގެ މަސައްކަތްކުރާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާއަށް ފަސް ފަހަރެއްގެ މަތިން ހަމަލާދިން މައްސަލަ ބަލައި، ފިޔަވަޅު އެޅިފައިނުވާތީ މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އެމްޑީޕީން ވަކާލާތުކުރަނީ އަންހެނުން ބާރުވެރިކުރުމަށް ކަމަށް ވާނަމަ، ސަރުކާރުން އެ ދާއިރާއިން ކުރި ކަމެއް ވިދާޅުވެދެއްވުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން ސައީދު އެދިވަޑައިގެންނެވި އެވެ. އަދި އެމްޑީޕީގެ ތިބީ 65 މެންބަރުން ކަމަށާއި އިންސާފަށް މަސައްކަތްކުރާ އޮޑީގައި ފަށަނެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ސަރުކާރަށް އިތުބާރެއް އޮތްތޯ ބެލުމަށް މަޖިލިހުގައި ސިއްރު ވޯޓެއް ނަގައިފިނަމަ، އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމަށެވެ.

އެމްޑީޕީ މެންބަރުން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި، އެމްޑީޕީ މެންބަރުން ވެސް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއަށް އިތުބާރު ނުކުރައްވާ ކަމަށް ސައީދު ވިދާޅުވުމުން، ނިޒާމީ ނުކުތާއެއް ނަންގަވައި ހެންވޭރު ދެކުނު ދާއިރާ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވަނީ އެމްޑީޕީ މެންބަރުން އެފަދައިން ވިދާޅުނުވާ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާ މެންބަރު ރޮޒެއިނާ އާދަމް އާއި ގަލޮޅު އުތުރުދާއިރާ މެންބަރު މީކާއިލް ނަސީމް ވަނީ އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތަކަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރުމާއި ވާހަކަދެއްކުމާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އަދި ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއިލް ނަސީމް ވަނީ މިއީ ދުނިޔޭގެ އެހެން ގައުމެއް ނަމަ މިނިސްޓަރު އިމްރާން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އިމްރާނަށް ފާޑުވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރަށް އެމްޑީޕީ މެންބަރުންގެ އިތުބާރު ނެތްކަމުގައި ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމުގައި މެންބަރު އަނދުން ހުސައިން ވިދާޅުވުމުން، ސައީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވާހަކަފުޅުދެއްކެވީ މިނިސްޓަރު އިމްރާންގެ ނަންފުޅު ނުގެންނަވާ ކަމަށެވެ.

"މިތަނުން ހަމަ ކަނޑައެޅިގެން އިއްޒަތްތެރި މެންބަރު މީކާއިލް ނަސީމާއި، މަޖިލިހުގެ ނައިބުރައީސް އީވާއާއި، މަޖިލިހުގެ ރައީސް މަނިކުފާނާއި، އަދި މި ތިއްބެވި ހުރިހާ މެންބަރުން އަދި މައްސަލަ ހުށަހެޅުއްވި މެންބަރުވެސް ތިޔަ ގޮވައިލައްވަނީ ހޯމް މިނިސްޓަރު ޝައިޚު އިމްރާން ދެއްކެވީ ދަށު ދަރަޖައިގެ ވާހަކައެއް ކަމަށް. އެވާހަކަ ތި ދައްކަވަނީ އެކި ގޮތްގޮތަށް،" ސައީދު ވިދާޅުވި އެވެ.