ބޮލީވުޑްގެ ފަންނާނެއް ކަމަށްވާ އަނަންޔާ ޕާންޑޭ އޭނާގެ އާ އަހަރު ހޭދަކުރީ ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން އުޅޭ އޭނާގެ ލޯބިވެރިޔާ އިޝާން ކައްތަރް އާއެކީ އެވެ.

އައު އަހަރުގެ ޗުއްޓީ އެދެ މީހުން ވެސް ސިއްރުން ހޭދަކުރީ ރަތަންބޯ ނެޝަނަލް ޕާކުގައި ކަމަށް އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. އަދި މީގެ ކުރިން 2020 ވަނަ އަހަރު ވެސް ދެފަންނާނުން ހޭދަކުރީ އެކުއެކީގައި ކަމަށްވެ އެވެ.

އޭގެ އިތުރުން ދެ ފަންނާނުން ވެސް 2021 ވަނަ އަހަރުގެ ކުރީކޮޅު އާ އަހަރު ހޭދަކުރުމަށް ރާއްޖެ އައި ހަބަރުތައް ވެސް ފެތުރިފައިވެ އެވެ.

އަނަންޔާ ލޯބީގެ ގޮތުން ގުޅިިފައިވާ އިޝާންއަކީ މީގެ ކުރިން "ދަޅަކް" އިން ބެލުންތެރިންނަށް ފެނިގެންދިޔަ އައު ފަންނާނެކެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ޝާހިދު ކަޕޫރުގެ ކޮއްކޮ ވެސްމެ އެވެ.

އަނަންޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ލައިގަރް" ކިޔާ ފިލްމަކުންނެވެ. އަދި އެއަށްފަހު ދީޕިކާ ޕަޑުކޯން އާއި ސިދާރްތް ޗަތްރަވޭދީ އާއި އެކު "ގެހްރާއިއާން"އިން ވެސް ފެނިގެންދާނެ އެވެ.