ޒަމާނީ ސިއްހީ ހިދުމަތްތައް ދިނުމުގައި، އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ހާސިލްކުރަމުން ކަމަށާއި އެއިން ކޮންމެ ކާމިޔާބަކީ އާންމު ރައްޔިތުންގެ ސިއްހަތަށް ލިބޭ ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި، 35 ގަޑިއިރުގެ "ރަން ފޯ ޗެރިޓީ: ދުވާހިތުން" ދުވުމުގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަމިއްލަ ބަޔަކު ދެމުން އަންނަ ސިއްހީ ޚިދުމަތަކަށް، ކާމިޔާބު 35 އަހަރު ފުރިގެން ދިޔުމަކީ، އެހާ އާދައިގެ ކަމެއް ކަމަކަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން އަދާކޮށްދެމުން އަންނަނީ، ގައުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަމައެއާއެކު ސިއްހީ ޚިދުމަތް ދޭ ތަނަކަށް އަހަރު ފުރުން ފާހަގަކުރުމަށް މި ފެށި ހަރަކާތަކީ، ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. ހެލިފެލިވެ، ޙަރަކާތްތެރިވެ އުޅުމަށް އަޅުގަނޑުމެން އާދަވި ވަރަކަށް، ބަލިތަކުން ސަލާމަތްވޭ، ދުރުވޭ. އަޅުގަނޑުމެންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ވަރަށް ބޮޑަށް އިތުރުވޭ. ދުވުމާއި ކަސްރަތު ކުރުމުގައި އަޅާ ކޮންމެ ފިޔަވަޅަކީ، ބަލިތަކާ ދުރަށް އަޅުގަނޑުމެން އަޅާ ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭއިރު، ރޭ ފެށި މި ހަރަކާތަކީ، ވީހާވެސް ބޮޑަށް ހޮސްޕިޓަލާ ދުރުކުރުމަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ "ދުވާހިތުން" ޗެރިޓީ ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ރޭ ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީވުމަކީ، ރާއްޖޭގެ ސިއްހީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޒަމާނީ ސިއްހީ ޚިދުމަތްތައް ދިނުމުގައި، އޭޑީކޭ އަންނަނީ ވަރަށް ބޮޑެތި ކާމިޔާބީތައް ހާސިލްކުރަމުން. އެއިން ކޮންމެ ކާމިޔާބަކީ، އާންމު ރައްޔިތުންގެ ސިއްހަތަށް ލިބޭ ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ވަރަށް ގިނައިން ވަޑައިގަންނަވާ ކަމަށެވެ. އަދި އެތަނަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ކޮންމެވެސް ބޮޑު މަސައްކަތެއް އެތާ ހިނގާ ތަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އުސް ޢިމާރާތްތަކެއް އަޅަން ފަށްޓަފާނެ. ކޮންމެވެސް ތަނެއް ތަޅާލާފައި އެހެން ގޮތަކަށް ބަދަލުކުރާ ތަން ފެނިދާނެ. ނާޝިދު [އޭޑީކޭގެ ވެރިޔާ] އަބަދުވެސް އެ ވާނުވާބަލަން އެތަނުގައި އުޅުއްވާތަން އަޅުގަނޑަށް ފެނޭ. އަޅުގަނޑު ހިތަށްއަރާ، ނާޝިދު މި ހޮސްޕިޓަލް ހަދައި ނިންމާނީ، ކޮން ދުވަހަކުން ބާވައޭ. މިހާރު މި ފާހަގަކުރަނީ 35 އަހަރު ފުރުން. އަޅުގަނޑަށް ވަރަށް ރަނގަޅު، ނާޝިދު މިކަން ސާފުކޮށްލައްވަދެއްވައިފިއްޔާ އަޅުގަނޑުމެންނަށް. އަޅުގަނޑު ހިތުން މިއީ ނިމުމެއް އޮތް ކަމެއް ނޫން،" ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ އެންމެ މުހިންމު ހިސާބުން ސަރުކާރުން ކުއްޔަށް ދީފައިވާ އެ ހޮސްޕިޓަލާ ބެހޭ ގޮތުން ރައީސް ވިދާޅުވީ "މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިލީމާ، އަޅުގަނޑަށް އޭގެ ޖަވާބު ކޮންމެވެސްވަރަކަށް ލިބޭ" ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލްގެ ތާރީޚަށް ބަލާއިރު، ޒަމާނީ ސިއްހީ ޚިދުމަތްތައް ރާއްޖެއަށް ތައާރުފްވުމުގައި ވެސް އެ ހޮސްޕިޓަލް ވަރަށް ފަޚުރުވެރި މަގާމެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްއާރްއައިގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށީ އޭޑީކޭއިން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭޑީކޭގައި. ހަމައެއާއެކު، ސިއްހީ ޚިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭޑީކޭގައި ތައާރުފް ކުރެއްވުމަށް ނާޝިދު ބޭނުންފުޅުވާ މިންވަރު ވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ހާމަވޭ. މި ދެންނެވީ އަޅުގަނޑު އެ ހޮސްޕިޓަލަށް ދާއިރުގައި، އެތަނަށް އެ އަންނަމުންދާ ބަދަލުތަކުގެ ނަތީޖާ. އަބަދުވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޮސްޕިޓަލަށް ގެނައުމުގައި އަވަދިނެތި ނާޝިދާއި އަފްއާލް [މެނޭޖިން ޑިރެކްޓަރު]، މިބޭފުޅުން އުޅުއްވާނީ،" ރައީސް ވިދާޅުވި އެވެ.