ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަކީ ވެރިކަމާ ކައިރިކުރަން ވެސް ހެޔޮވާވަރުގެ ބައެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރަކީ އަމިއްލަ ފައިދާއަށް ކަންކަން ކުރަމުން އަންނަ ބަޔަކު ތިބި ސަރުކާރެއް ކަމަށެވެ. އެގޮތުން މުޅިން ވެސް ފެނިގެންދަނީ އަންބޮނޑި ބޮޑުކުރަން އުޅޭ މަންޒަރު ކަމަށް ވެސް ޑރ. ޖަމީލު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންނަށް އާސަންދައިން ބޭސްކުރުމަކީ ބޮޑު ބުރައެއްކަމަށް ދައްކާފައިވާއިރު، ރައީސް މުހައްމަދު ނަޝީދުގެ ގަނޑުވަރަށް ދިވެހި ރައްޔިތުންގެ ފައިސާއިން 500 މިލިޔަން ރުފިޔާ ހޭދަކުރުމަކީ މޮޅު ގޮތްތޯ ޑރ. ޖަމީލު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އެމްޑީޕީ/ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ވެރިކަމާ 100 ފޫޓަށް ކައިރިކުރަންވެސް ހެޔޮވާވަރު ބައެއް ނޫން. މުޅިން އަމިއްލަ އަންބޮނޑި ބޮޑުކުރަނީ. ނިކަމެތި ރައްޔިތުންވީމާ އާސަންދައަކީ ބުރައެއްކަމަށް ސިފަކުރެއްވިއިރު، ރައީސް ނަޝީދުގެ ގަނޑުވަރަށް 5 އަހަރުން 500 މިލިއަން ހޭދަކުރުން އެއީ މޮޅުކަމެއް؟" ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް، 21 ދުވަހަށް ނަޝީދު ހުންނެވީ ހޮޓެލް ޖެންގަ އެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހޮޓެލް ޖެންގައި ނަޝީދު ހުންނެވި 21 ދުވަހަށް ޖުމްލަ 698،168 ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.