ރާއްޖެއިން މިއަދު ކޮވިޑަށް 816 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޓެސްޓްކުރި 7,005ސާމްޕަލްގެ ތެރެއިން 816 މީހުން ޕޮޒިޓިވް ވެފައިވެ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 100،451 އަރާފަ އެވެ. އަދި 500 މަތިން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ހުންނަތާ މިއަދަށް ތިން ދުވަސް ވަނީ ވެފަ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 413 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއީ މި ފަހުން މާލެ ސަރަހައްދުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 249 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. އަދި ރިސޯޓްތަކުން 92 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 5،118 މީހުންނެވެ. މިހާތަނަށް 95،056 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 25 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 264 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.