މި ސަރުކާރުން ކުޑަ އަގެއްގައި ދީނީ ސިޔާސަތު ނީލަން ކިޔާފައިވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތް ދިނުމަކީ ސަރުކާރުގެ ދީނީ ސިޔާސަތުގައި ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވަނީ، މިސްކިތްތައް ނަޖިސްކޮށް، މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެތަންތަން އެމީހުންގެ އައްޑާއަކަށް ހަދާފައިވާތީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

އަދި ކީރިތި ޤުރުއާން ކިޔަވައި ނުދޭން އެކިއެކިއުކުޅުތައް ބޭނުންކުރުމާއި، ހޯމް ސްޓޭގެ ނަމުގައި ހުދޫދެއް ނެތްގޮތަށް ހުޅަނގުގެ ހުރިހާ ސަގާފަތެއް މުސްލިމް އާއިލާތަކުގެ ތެރެއަށް ވެއްދުމާއި، މޫނު ބުރުގާ އަޅާފަރާތްތަކާއިމެދު ތަފާތުކުރުމަކީ މިސަރުކާރުގެ ދީނީ ސިޔާސަތުތައް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އެހެންވީމަ ކުޑައަގަކަށް ދީން ނީލަންކިޔާ މީހުންނަށް ސަމާލުވަމާ! އެފަދަ ޕާޓީތައް ދޫކޮށް ނިކުންނަވާ!" ޑރ. ޖަމީލު ވިދާޅުވި އެވެ.

ދީނީ ކަންކަމާއި ގުޅިގެން ސަރުކާރުން ނަންގަވާ ސިޔާސަތުތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.