މުއްދަތު ހަމަވެފައިވާ އައިޑީކާޑު ހިދުމަތް ދިނުމުގައި ބޭނުން ކުރެވޭނެ މުއްދަތު އިތުރުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހާޒިރުވާން ޖެހޭ ފަރާތްތައް ވީހާ ވެސް މަދުކުރުމަށްޓަކައި މިހާތަނަށް ހަދައިދީފައިވާ އައިޑީކާޑުތަކުގެ ތެރެއިން މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.
އާއްމު ރައްޔިތުންނަށް އައިޑީކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ މުއައްސަސާތަކުން ހިދުމަތް ދިނުމުގައި އެ އިއުލާނަށް ރިއާޔަތްކޮށް ހިދުމަތްތައް ދިނުމަށް ދަންނަވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ކާޑުގެ މުއްދަތު އިތުރުކޮށް އިޢުލާނުކުރި ކަމުގައި ވިޔަސް ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް ވެބް ޕޯޓަލް މެދުވެރިކޮށް އަދި އަތޮޅުތެރޭގައި ކުރިއެކޭ އެއްގޮތަށް ކައުންސިލް އިދާރާތަށް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހެޅުއްވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު މުއްދަތު ހަމަވެފައިވާ އައިޑީކާޑުތައް ބޭނުންކުރެވޭ މުއްދަތު އިތުރުކޮށްދީފައިވެ އެވެ.