ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކޮށް އެސްޖޭ ކޮންސްޓްރްކަޝް ކުންފުންޏަށް ކުރިން ދީފައިވާ 30 މިލިއަން ރުފިޔާ އާއި އިތުރަށް ހިނގާ ހަރަދުތައް ވެސް އެސްޖޭ އިން ދޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ސެޓްލްމަންޓް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ސެޓްލްމަންޓް އެގްރިމެންޓުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ޒިކުރާ މިސްކިތް ހިމެނޭ ބިމުގައި 10 ބުރީގެ މިސްކިތެއް އަޅަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުން ހެދީ 9 ޖުލައި 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްނުގެންދާ ކަމަށް ބުނެ މިހާރުގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރުމުން، 111 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. ނަމަވެސް އެ ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް 13 ޖެނުއަރީ 2021 ގައި ސިވިލް ކޯޓުން ހުކުމް ކުރި އެވެ.

އޭގެ ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތުގެ އެއްބަސްވުމުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަނަށް މިނިސްޓްރީން ދެއްކި 30 މިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް އެދި ސިވިލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ.

އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި، 30 މިލިއަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް އެސްޖޭ އިން ހުށަހެޅި އެވެ. އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރި މަޝްވަރާތަކުގައި، އެޓާނީ ޖެނެރަލްގެ ލަފަޔާއެކު އެއްބަސްވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ހަރަދު، އެސްޖޭ ކޮންސްޓްރަކްޝަންގެ ސީއެސްއާރުގެ ގޮތުގައި ކޮށްދިނުމަށް އެ ކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

ސެޓްލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމާއެކު، މިނިސްޓްރީއާއި އެސްޖޭ ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދައުވާތައް ކޯޓުން ނެގުމަށް ދެފަރާތުން ވަނީ އެއްބަސްވެފަ އެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 3000 މީހުންނަށް އެއްފަހާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެކެވެ. މިސްކިތް ނިންމުމަށް އެބަސްވެފައި ވަނީ އެއް އަހަރާ ދެ މަސް ދުވަހުންނެވެ.