ބާލީސް އުރަ ނައްޓާލުމުން، ބާލީހުގެ ފެންނަ ފެނުން ތަފާތުވެދާނެ އެވެ. ބާލީސް އުރަ ގަވާއިދުން ދޮވުނު ނަމަވެސް، ހަށިގަނޑުން އުފައްދާ ދަލާއި، ތެލާއި، އަދި ރޭގަނޑު ބޭނުންކުރާ މޮއިސްޗަރައިޒާ ފަދަ ތަކެތި ބާލީސް އުރައިގެ ތެރެއިން ބާލީހަށް ފޭދެ އެވެ. ގިނަ ދުވަސްވުމުން މިތަކެތި ޖަމާވެ، ބާލީހުގައި ރީނދޫ ކުލައިގެ ލައްތަކެއް ޖަހަ އެވެ. މިއީ އާންމުކޮށް ދިމާވާ ކަމެއް ނަމަވެސް، މިފަދަ ލައްތައް ފެންނަން ހުރުމަކީ ބާލީސް ސާފުކުރުމަށް ނުވަތަ ބަދަލުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމުގެ ނިޝާނެކެވެ.
ބާލީސް ރީނދޫވާން މެދުވެރިވާ ސަބަބުތައް
"ދަލާއި، ހަމުގެ ގުދުރަތީ ތެލާއި، ކުޅާއި، ހަމުގެ މަރުވެފައިވާ ސެލްތަކާއި އަދި ތެތް އިސްތަށިގަނޑުން އަންނަ ތެތްކަން ބާލީސް އުރައިގެ ތެރެއިން ބާލީހަށް ފޭދުމުގެ ސަބަބުން، ދުވަސްވުމުން ބާލީހުގައި ރީނދޫ ލައްތައް ޖަހާ،" ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޝަމްސާ ކަންވަލް ވިދާޅުވި އެވެ.
ދަލާއި ހަމުން އުފައްދާ ތެޔޮ (ސީބަމް) ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ބާލީސް ރީނދޫވުމަށް މަގުފަހިވެ އެވެ. ނިދާއިރު މާބޮޑަށް ދާހިއްލާނަމަ މި ލައްތައް އިތުރަށް ގޯސްވެ އެވެ. މީގެ އިތުރުން، މޫނުގައި އުނގުޅާ ކްރީމްތަކާއި، މޭކަޕް އަދި އިސްތަށިގަނޑުގައި ލާ ކޮންޑިޝަނާ ފަދަ ތަކެތީގެ އަސަރުވެސް ބާލީހަށް ފޯރަ އެވެ. އެހެންކަމުން، ހަމައެކަނި ބާލީސް އުރަ ދޮވުމަކުން މި ހުރިހާ އެއްޗެއް ބާލީހަށް ފޭދުން ހުއްޓުވައެއް ނުދެވެ އެވެ.
ނިދާފައި އޮންނަ ވަގުތު ހަށިގަނޑުން ބޭރުވާ ތެތްކަމުގެ މިންވަރާ ގުޅޭގޮތުން، ކަންފަތާއި ނޭފަތް އަދި ކަރުގެ ބަލިތަކަށް ހާއްސަ ސާޖަން ޑރ. ޝޯން ނަސޭރީ ވިދާޅުވި ގޮތުގައި، 8 ގަޑިއިރުގެ ނިދީގެ ތެރޭގައި ނޭވާލުމާއި ދާހިއްލުމުގެ ތެރެއިން ގާތްގަނޑަކަށް ބައި ލީޓަރާއި އެއް ލީޓަރާ ދެމެދުގެ ފެން ހަށިގަނޑުން ބޭރުވެ އެވެ. މީގެ މިންވަރު ބިނާވެފައިވަނީ މީހާގެ ހަށިގަނޑުގެ ބޮޑުމިނާއި، މެޓަބޮލިޒަމް އަދި ކޮޓަރީގެ ހޫނުމިނުގެ މައްޗަށެވެ.
ބާލީހުގެ ސަބަބުން ހަމުގެ މައްސަލަތަކާއި އެލާޖީ ކުރިމަތިވެދާނެތަ؟
އިސްތަށިގަނޑުގައި ބޭނުންކުރާ ބައެއް އުފެއްދުންތަކުގެ ސަބަބުން ހަމައެކަނި ބާލީހުގައި ލައްޖަހަނީއެއް ނޫނެވެ. އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީ އިން ބުނާގޮތުގައި، ބައެއް ކޮންޑިޝަނާތަކާއި ހެއާ ސްޓައިލިން ކްރީމްތަކުގައި ހުންނަ ތެލުގެ ސަބަބުން ހަމަށް ގެއްލުންވެ، ނިތްކުރިމައްޗާއި ކަރު ފަދަ ތަންތަނުގައި ބިހި ނެގުމަށް މަގުފަހިވެ އެވެ. މިފަދަ ތަކެތީގެ އަސަރު ނިދާ އެނދާއި ބާލީސް އުރައިގައި ހަރުލާފައި ހުރެ އެވެ. އިސްތަށިގަނޑަށް ބޭނުންކުރާ އުފެއްދުމެއްގެ ސަބަބުން ބިހި ނަގާނަމަ، އެ އެއްޗެއް ބޭނުންކުރުން ހުއްޓާލުމަށާއި ބާލީސް އުރަޔާއި ރަޖާ ދޮވުމަށް އެ އިދާރާއިން ލަފާދެ އެވެ.
އެގްޒީމާ ހުންނަ މީހުންގެ ހަމުގައި ހުންނަ ބެކްޓީރިއާގެ ސަބަބުން ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެދާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި 'ސްޓެފިލޮކޮކަސް އޯރިއަސް' ކިޔާ ބެކްޓީރިއާއެއް ހަމުގައި ގިނަވުމަކީ އެގްޒީމާ އިތުރަށް ގޯސްވާ ކަމެކެވެ. މީގެ މާނައަކީ ހަމައެކަނި ރީނދޫ ބާލީހުގެ ސަބަބުން މިކަން ދިމާވަނީއޭ ނޫނެވެ. ނަމަވެސް ބެކްޓީރިއާއަކީ އެގްޒީމާއާ ގުޅުންހުރި ކަމެއްކަން މީގެން އެނގިގެންދެ އެވެ.
އެލާޖީއަކީ ވެސް ބާލީހުގެ ސާފުތާހިރުކަމަށް ސަމާލުކަން ދޭންޖެހޭ ސަބަބެކެވެ. ހޫނު އަދި ތެތް ތަންތަނުގައި އުޅޭ 'ޑަސްޓް މައިޓްސް' (ހިރަފުހުގައި އުޅޭ ސޫފި) ބާލީހުގައި އާލާވެ، އޭގެ ސަބަބުން ކިނބިހި އެޅުމާއި، ނޭފަތް ބެދުމާއި އަދި ނޭވާ ހިއްލުން ފަދަ އުނދަގޫތައް މެދުވެރިވެ އެވެ. މިފަދަ އެލާޖީ ހުންނަ މީހުން ކޮންމެ ހަފުތާއަކު ބާލީސް އުރަ ދޮވުމަށާއި، ހިރަފުސް ސޫފިތަކުން ރައްކާތެރިކޮށްދޭ ހާއްސަ ބާލީސް އުރަ ބޭނުންކުރުމަށް ލަފާދެ އެވެ.
ބާލީސް ސާފުކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް
"ކޮންމެ ހަފުތާއަކު މަދުވެގެން އެއްފަހަރު ބާލީސް އުރަ ދޮންނަންވާނެ. އަދި މާބޮޑަށް ދާހިއްލާނަމަ، ހަންގަނޑު ތެޔޮ ނަމަ، ނުވަތަ ގިނަ އަދަދަކަށް ހަމުގެ އުފެއްދުންތައް ބޭނުންކުރާނަމަ މިއަށްވުރެ ގިނައިން ދޮންނަންވާނެ،" ޑރ. ކަންވަލް ވިދާޅުވި އެވެ.
މީގެ އިތުރުން، ބާލީހުގެ އެތެރެއަށް ތެތްކަމާއި ކުނި ފޭދުން ހުއްޓުވުމަށްޓަކައި ދޮވެވޭ ކަހަލަ 'ބާލީސް ޕްރޮޓެކްޓަރެއް' ބޭނުންކުރުމަށް އޭނާ ލަފާދެއްވަ އެވެ. އަދި ހަމުގައި އުނގުޅާ ކްރީމްތައް، ނިދުމުގެ މަދުވެގެން އެއްގަޑިއިރު ކުރިން ބޭނުންކުރުމަށް އިރުޝާދު ދެއްވަ އެވެ. މިއީ އެ ތަކެތި ހަމަށް ރަނގަޅަށް ހިފުމުގެ ކުރިން ބާލީސް އުރައިގައި ހޭކި، ބާލީހަށް ފޭދުން ހުއްޓުވުމަށްޓަކަ އެވެ.
އަދި ނިދުމުގެ ކުރިން އިސްތަށިގަނޑު ރަނގަޅަށް ހިއްކުމަކީ މުހިންމު ކަމެކެވެ. ތެތް އިސްތަށިގަނޑަކީ ބެކްޓީރިއާ އާލާވުމަށާއި ބާލީސް ރީނދޫވުމަށް މަގުފަހިވާ ކަމެކެވެ. ބާލީސް ދޮވުމުގައި އޭގައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރާށެވެ. ބައެއް ބާލީސް މެޝިނުން ދޮވެވޭއިރު، އަނެއްބައި ބާލީސް ޖެހެނީ އަތުން ސާފުކުރާށެވެ. އަދި ބާލީސް އުރަ ލެއްވުމުގެ ކުރިން ބާލީސް އޮތީ ރަނގަޅަށް ހިކިފައިތޯ ޔަގީންކުރާށެވެ.
ބާލީސް ބަދަލުކުރަންވީ ކޮން އިރަކު؟
ސްލީޕް ފައުންޑޭޝަނުން ބުނާގޮތުގައި، ބާލީސް ހަދާފައިވާ މާއްދާއާއި އޭގެ އާދަޔަށް ބަލާފައި، ކޮންމެ އެއް އަހަރާއި ދެ އަހަރަކުން ބާލީސް ބަދަލުކުރަންވާނެ އެވެ. ބާލީހުގެ އެތެރޭގައި ހުންނަ ތަކެތި ވަކިވަކިވެ، ބާލީސް ފަތިވެ، އަދި ހެނދުނު ހޭލާއިރު ކަރުގައި ރިއްސާނަމަ، އެއީ ބާލީސް ބަދަލުކުރަންވީ ވަގުތެވެ. މީގެ އިތުރުން ބާލީސް ބޮޑަށް ރީނދޫވެފައި ހުރުމަކީ ވެސް ބާލީސް ބަދަލުކުރުމަށް އޮތް މުހިންމު ސަބަބެކެވެ.
ބާލީހުގައި ލައްޖެހުމުން އެ ބޭނުންކުރުން ނުރައްކާތެރިވާ ވަކި މިންގަނޑެއް ނޯވެ އެވެ. ރީނދޫ ލައްތަކުން ދައްކައިދެނީ އޭގައި ދަލާއި ތެޔޮ ހަރުލާފައި ހުރި މިންވަރެވެ. އެހެންކަމުން، ކޮންމެ ހަފުތާއަކު ބާލީސް އުރަ ދޮވުމާއި ޕްރޮޓެކްޓަރެއް ބޭނުންކުރަން ފަށާށެވެ.
އެމެރިކާގެ ސިޔާސަތު ބަދަލުވާނެ ކަމަށް ބަލައިގެންނުވާނެ: ހާމަނާއީ
އެމެރިކާގެ ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމަކަށް އަލް-ސައީދު
އީރާނަށް އެހީވާ އިންޑިއާ އާއި ތުރުކީގެ ކުންފުނިތަކަށް ފިޔަވަޅު