ދިވެހި ކެއުންތަކުގެ ރަހަތައް ތަފާތު ވަނީ އެކި މީހުން ހަދާ ގޮތް ތަފާތު ވީމަ އެވެ. އޭގެ ސަބަބެއް ކަމަށް ވަނީ އެއަށް އަޅާ "އިންގްރިޑިއަންޓްސް"ގެ މިންވަރު ތަފާތު ވުމެވެ. ބައެއް މީހުންނަށް އެއީ މީރުވެފައި އިތުރު އާ ރަހައަކަށް ވާ އިރު އަނެއް ބަޔަކަށް އެ ރަހަ ނުބައި ވަނީ "އޮރިޖިނަލް ރަހަ" ކަމަށް ގިނަ މީހުން ބުނާ ރަހަ ނުހުންނާތީ އެވެ. މި ޒުވާން ކެއްކުންތެރިޔާ ދެކޭ ގޮތަކީ ވެސް ފަހުން މި ބުނެވުނު ގޮތެވެ. މާމަ ކެއްކީމަ އެ ދޭ ރަހައަކީ ގިނަ މީހުން އެ ގަބޫލު ކުރާ "ހަގީގީ" ރަހަ އެވެ. އޭނާ އެ މަސައްކަތް ކުރަނީ މާމަގެ ކެއްކުން ވުޖޫދުކޮށް މީހުންގެ ކަރުތެރެއަށް މީރު ރަހަ ލެއްވުމަށެވެ.
ރާއްޖޭގައި ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު ރ. އިންނަމާދޫއަށް އުފަން، އުމުރުން 35 އަހަރުގެ މަރިޔަމް ރިފާ (ރިފޫ) އަކީ ކުޑައިރުގައި ވެސް މަންމަ ނެތް ނަމަ ގޭގެ ބޮޑު ކައްކާ އެވެ. އޭނާގެ މަންމަ މާލެ އަންނައިރު އޭރު އުމުރުން އެންމެ 10 ނުވަތަ 12 އަހަރުގައި ވެސް ރިފޫއާ ބަދިގެ ހަވާލު ކުރަނީ، ކިތަންމެ އުމުރުން ހަނގު ނަމަވެސް، އޭނާއަށް ހުރިހާ ވައްތަރެއްގެ ކާއެއްޗެހި ވެސް ކައްކަން އެނގޭތީވެ، އެ ޒިންމާ ނަގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނާތީ އެވެ. އެއްބަނޑު އެއްބަފާ 9 ކުދިންނަށް ކައްކާލުމަކީ އޭރު ވެސް ރިފޫއަށް ދާދި ފަސޭހަ ކަމެކެވެ.
"އަޅުގަނޑުގެ މާމަ އެކަނި ދިރިއުޅޭތީ އަޅުގަނޑަށް ގިނައިން އުޅެވިފައި ހުރީ މާމަ ކައިރީ. އެހެންވެ ކުރީ ޒަމާނުގެ ކެއްކުންތައް ވަރަށް ރަނގަޅަށް މާމަ ކައިރިން ދަސްވެފައި ހުރީ. ސައްލަން، ކިރު ހަކުރު ބަތް، ފާ ބަނބުކެޔޮ އަޅިގަނޑު ތެރެއަށް ލައިގެން ފިހުން ކަހަލަ ވަރަށް ޔުނިކް (ތަފާތު) އެއްޗެހި ދަސްވި މާމަ ކައިރިން،" ރިފޫ ކެއްކުމަށް އަހުލުވެރިވި ގޮތް ކިޔައިދެމުން ބުނެލި އެވެ.
ގޭގައި ހޭދަކުރާ ވަގުތުތަކުގައި އޭނާގެ މަންމަގެ ކައިރިން އެކި ރިހަތަކާއި މީރު އަސާރަ ހަދާނެ ގޮތް ވެސް ހަމަ އެހާ ކުޑައިރު އޭނާ ވަނީ ދަސްކޮށްފަ އެވެ. މާމަ ނިޔާވުމަށް ފަހު، އޭނާ ދެން ގިނަ ވަގުތު ހޭދަކުރީ އޭނާގެ އެއްބަޑު އެއްބަފާ އެންމެ ދޮށީ ދައްތަ ނުވަތަ އޭނާގެ ދޮންތަ ކައިރީގަ އެވެ.
އެ ދުވަސްވަރު ރަށުގެ އޮޑިހަރުގެތަކުގައި މަސައްކަތްކުރާ ގްރޫޕްތަކަށް އޭނާ ދޮންތަ ކައްކައިދޭ އިރު، އެ މަސައްކަތުގައި ދޮންތަ އާއެކު އޭނާ ވެސް ކެއްކުމުގައި ބައިވެރިވެ އެވެ. އެގޮތަށް އުޅުމުގައި ރިފޫއަށް ވަނީ ދޮންތަ ކައިރިން ވެސް ތަފާތު އެއްޗެހި ކައްކަން ދަސްވެފަ އެވެ.
"ދޮންތަ ވަރަށް މީރުކޮށް ރިހަ ކައްކާނެ، މަސް ފިހާނެ އަދި ވަރަށް މީރުކޮށް ލޮނުމިރުސް ފުނޑާނެ،" ރިފޫ ބުންޏެވެ.
ސްކޫލްގައި އުޅުނުއިރު ދަތުރެއް ދިޔަ ނަމަވެސް ނުވަތަ މަޖާކޮށްލަން ބީޗަށް ދާ ދުވަހެއްގައި ވެސް، އޭނާ ހަނޑޫ ބޮނޑިބަތް ކައްކައިގެން ގެންދާ ހަނދާން މިހާރު ވެސް އޭނާ އެބަހުރި ކަމުގައި ބުންޏެވެ.
ރިފޫގެ ހަދާ ހެދިކާގެ ބާވަތްތަކަކީ އަވަށްޓެރިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ހާއްސަކޮށް އޭނާ ހަދާ ބަޖިޔާ އަދި ކަވާބު މީރުވެގެން އޭގެ ރެސިޕީ ބޭނުން ވުމުން އެ ހިއްސާކޮށްފައި ވެސް ވެ އެވެ.
ރިފޫ ކިޔެވީ އިންނަމާދޫ ސްކޫލުންނެވެ. 2007 ވަނަ އަހަރު ރަށުގައި އޯލެވެލް ހެދުމަށް ފަހު، މާލެއަށް ބަދަލުވެ، އައިޓީގެ ދާއިރާއިން އޭނާ އިތުރަށް ކިޔެވި އެވެ. ހަމަ އެ ދުވަސްވަރު ކޭކު ކޯހަކާއި ފަހާ ކޯހެއް ވެސް އޭނާ ފުރިހަމަ ކުރި އެވެ. ކޭކު ކޯސް ހެދުމަށް ފަހު، އައިލާގެ ކުދިންނަށާއި ބައެއް ރައްޓެހިންނަށް އޭނާ ކޭކު އަޅައިދީ ވެސް ހެދި އެވެ. އަދި ފެހުމުގެ މަސައްކަތް ވެސް ކުރި އެވެ.
އެހެން ނަމަވެސް އެ ދެ މަސައްކަތަކީ މާވަގުތު ހޭދަ ކުރަން ޖެހޭ އަދި އެހާ ކަވި ކަމަކަށް ވުމުން އެދެ މަސައްކަތަކާ އޭނާއަކަށް މާ ގަޔާއެއް ނުވެވުނެވެ. އޭގެ އަހަރުތަކެއް ފަހުން، 2010 ގައި ޒަވާޖީ ހަޔާތެއް ފަށައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުން ދެން އޭނާ ވިސްނީ ގޭގައި އިނދެ ކެއްކުމުގެ މަސައްކަތް ކުރުމަށެވެ.
"ކެއްކުމަކީ އަޅުގަނޑު އެންމެ ކުރާ ހިތްވާ މަސައްކަތް. އެގޮތުން އެންމެ ފުރަތަމަ ހެދީ ޕާނީ ޕޫރީ. ވަރަށް ކާމިޔާބު ވިޔަފާރިއަކަށް ވި އެމަސައްކަތް. މީހުންގެ ފަރާތުން ވަރަށް ތަރުހީބު ވެސް ލިބުނު. ވިޔަފާރިއަށް އެ މަސައްކަތްކުރީ ޕޭޖެއް ވެސް ހަދައިގެން،" ރިފޫ ބުންޏެވެ.
ރިފޫގެ ޕޭޖްގެ ނަމަކީ "ސައްލަން ބައި ރިފޫ" އެވެ. އެނަން ދީފައި ވަނީ ދިވެހި ކާއެއްޗެއްގެ ނަމެއް ދިނުމުގެ ބޭނުމުގެ އިތުރުން އެއީ އޭނާގެ މާމަގެ ފަރާތުން އޭނާއަށް ހަދަން ދަސްވި ކާއެއްޗެއް ކަމަށް ވާތީ، މާމަގެ ހަދާނާ ގުޅުވާލުމުގެ ބޭނުމުގަ އެވެ.
"ސައްލަންއަކީ ތެޔޮކަމެއް ހުންނަ އެއްޗެއް. ކާށި ފިހެގެން ތެޔޮ އަރުވާލާފައި ފެން ނުޖަހާ ފުނޑާ ދައި މަތީ ފުނޑައިގެން އެ ތައްޔާރު ކުރާނީ. އެ ބޭނުން ކުރާނީ ލައިގެން ކާއެއްޗެއްގެ ގޮތުގައި ބަތާ އެއްކޮށް. އެހެން ރަށްރަށުގައި އެއާ އެއްގޮތަށް ތައްޔާރުކުރާ އެއްޗެއް ހުންނާނެ. އެއަށް ކިޔަނީ ދަން ކާށި. ދަން ކާއްޓައަކީ ލޮނުމިރުސް ކަހަލަ އެއްޗެއް. އަސްލު ދަން ކާށި އާއި ސައްލަން އެއީ ތަފާތު ދެ ރަހައެއް ދޭ ދޭއްޗެއް،" ރިފޫ އޮޅުން ފިލުވައިދިނެވެ.
ރާއްޖެތެރޭގެ މީރު ރަހަތައް މާލެއަށް
ރިފާއަށް ވިސްނުނު ގޮތުގައި ރަށް ރަށުގެ މީރު ރަހަތައް މާލޭގައި އުޅޭ މީހުންނަށް ތައާރަފް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ހާއްސަކޮށް ރަށް ރަށަށް އާންމުކޮށް ޒިޔާރަތް ކޮށް ނޫޅޭ މީހުންނަށް ރަށް ރަށުގެ މީރު ކެއުންތަކާއި އޭގެ ރަހަ އެނގުމަކީ މުހިންމު ކަމަކަށް ވާނެތީ އެވެ.
"މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކަށް ނޭނގޭނެ ރާއްޖެ ތެރޭގެ ރަށް ރަށުގައި ކައްކާ މީރު ކާ އެއްޗެތީގެ ރަހައެއް. އެކި ރަށްރަށުގައި ތައްޔާރު ކުރަނީ ކޮން އެއްޗެއް ކަމެއް. އެހެންވީމަ އަޅުގަނޑު ބޭނުންވީ ރަށްފުށުގަ ތައްޔާރުކުރާ މީރު ކެއުންތައް މާލޭގައި ތިބޭ ރަށް ރަށަށް އާންމުކޮށް ގޮސް ނޫޅޭ، މާލެ އަދި ރާއްޖޭން ބޭރަށް ވެސް ލިބޭނެ ގޮތް ހަދައިދޭން،" ރިފޫ ބުންޏެވެ.
ރިފޫ ވަރަށް ގިނަ ތަފާތު ކެއުންތައް ތައްޔާރުކޮށް މާލެއަށާއި ރަށްރަށަށް އަދި ރާއްޖޭން ބޭރަށް ފޯރުކޮށްދެ އެވެ. އޭނާ ހަދާ ދިވެހި ކެއުންތަކުގެ ތެރޭގައި:
- ބަނބުކެޔޮ ބަތާއި ރިހާކުރު ދިޔަ
- ބަތް ތެލުލި ރިހާކުރު
- ކިރުފޮޅި އާއި ފުނޑިރިހަ
- ރަށްފުށު ފިހުނު ކުކުޅު
- ބޯކުރި ހިކިކެޔޮ
- ރަށްފުށު ބަތްގަނޑު
އޭގެ އިތުރުން ބަތް ދޮލަނގާއި އަދި ވެސް ވަރަށް ގިނަ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ދިވެހީންގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ބޭރު ކެއުންތައް ވެސް އޭނާގެ "މެނޫ" ގައި ހިމަނާފައިވެ އެވެ.
"އަޅުގަނޑު ބޮޑަށް ހިމަނާފައި ހުންނާނީ އަޅުގަނޑުގެ ރަށުގެ ކެއުންތައް. އިންނަމާދޫއަކީ ވަރަށް މީރުކޮށް ކައްކާ މީހުން އުޅޭ ރަށެއް. އަންހެނުންގެ އިތުރަށް ގިނަ ފިރިހެނުންނަކީ ވެސް ވަރަށް މީރުކޮށް ކައްކަން އެނގޭ ބައެއް. އަޅުގަނޑުމެންގެ ގޭގަ ވެސް ނޫޅޭނެ ކައްކަން ނޭނގޭ އެއްވެސް ކުއްޖެއް. އިންނަމާދޫއަށް ޒިޔާރަތްކުރާ ވަރަށް ގިނަ މީހުން ބުނާނެ މެހެމާންދާރީ ވަރަށް ރަނގަޅަށް އަދާކުރާ ރަށެކޭ އިންނަމާދޫ އަކީ. އަދި ރަށުގެ ކެއުންތައް ވަރަށް މީރުކަމަށް ބުނޭ،" ރިފޫ ވަރަށް ފަހުރުވެރި ކަމާއެކު ބުންޏެވެ.
ރިފޫގެ މި މަސައްކަތަށް ލިބޭ ތަރުހީބު ބޮޑެވެ. މިއީ ގޭތެރޭގައި ހުރެގެން ރަނގަޅު ގޮތުގައި ކުރެވިއްޖެ ނަމަ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ. ކައްކަނީ ތިން ދަރިންގެ ކަންކަން ބަލަހައްޓަމުން ލިބޭ ހުސް ވަގުތުގަ އެވެ. މި މަސައްކަތުގައި އެންމެ ބޮޑަށް އޭނާއަށް އެހީތެރި ވެދެނީ އޭނާގެ ދޮށްޓަށް ތިބި ދެ ދަރިންނެވެ. އަދި ރަށުގައި ހުންނަ ދުވަހެއްގައި ނަމަ، ފިރިމީހާގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރި އެވެ.
އޭގެ އިތުރުން ރީތިރަށް ރިސޯޓުން އޭނާގެ ކާއެއްޗެހި އޯޑާކުރާ ޓީމާށާއި ޓިކްޓޮކް އައިޝާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.
"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ 'ސްޕްރައުޓިން ޑްރީމް ޑޮޓް އެމްވީ' ކިޔާ އިންސްޓަގްރާމް ޕޭޖްގެ ދިންނުއަށް. ގޭގަ ތިބެގެން ކުދި ވިޔަފާރި ކުރާ މީހުންނަށް ވަރަށް ހެލްޕް ވެދޭ ޕޭޖެއް އެއީ. އަޅުގަނޑުގެ ޕޯސްޓްތައް ޝެއާ ކޮށްދީ ކަސްޓަމަރުން ހޯދައިދީ އަދި ކާއެއްޗެހި ގެންގޮސް ފީޑް ބެކް ދޭނެ. ރިވިއު ވެސް ދޭނެ. މި ހިސާބަށް އަޅުގަނޑަށް މި އާދެވުނީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދިންނުގެ ސަބަބުން،" ރިފޫ ބުންޏެވެ.
މި މަސައްކަތުގައި އެންމެ ހިތްހަމަޖެހޭ ކަމަކީ "މާމަ ކެއްކީމަ ލާ ރަހައޭ ލަނީ" ބުނެ މީހުން ފޮނުވާ މެސެޖުން ކަން ރިފޫ ވަރަށް އުފަލާއެކު ފާހަގަކުރި އެވެ. އެއީ އެމަސައްކަތް ކުރުމުގެ އެންމެ ބޮޑު މަގުސަދު ވެސް މެ އެވެ. މިހާރު ވެސް އޭނާ ގެންދަނީ ވަރަށް ތަފާތު ރަހަތައް ނެރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.
ރިފޫ ފާހަގަ ކޮށްލެވެނީ ކެއްކުމުގެ އިތުރުން އެހެން މީހުންނަށް ކައްކަން ދަސްކޮށްދޭ ޒުވާނެއްގެ ގޮތުގަ އެވެ. އޭނާގެ ފަސޭހަ ރެސިޕީން ފެށިގެން އުނދަގޫ ރެސިޕީތައް "ރިފޫސް ކިޗަން" ޕޭޖްގައި އެ ހުރީ ފެންނާށެވެ.
ރިފޫ މިއަދު ހުރި ހިސާބަށް އާދެވުނީ ބުރަ މަސައްކަތުންނާއި ގަދަ ހިތްވަރުންނެވެ. އުންމީދު ކަނޑާނުލައި ބިޒްނަސް "ބިލްޑް" ކުރަން ގަދަ އަޒުމާއެކު ހިފަހައްޓާލުމުންނެވެ. އެގޮތަށް މަސައްކަތް ކުރުމަށް ކެއްކުމުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އޭނާ ނަސޭހަތްތެރިވެ އެވެ.