ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް އެދި އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މި މައްސަލަ ޝާހިދުގެ ފަރާތުން އިއްޔެ ހައި ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާއަށް ޝާހިދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ކޯޓު އަމުރަކާ އެކު ރޭގެ ވަގުތެއްގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލް ވެސް ފާސްކޮށްފަ އެވެ.

އުމުރުން 64 އަހަރުގެ ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ އޭނާގެ ޝަހުސު ކަތިލުމަށްޓަކައި ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ޝާހިދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައްޔާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު ހިދުމަތް ކުރައްވައި، މަޖިލީހުގެ ރައީސްކަމާއި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.

ޝާހިދު ފަހަކާ ޖެހެންދެން ހުންނެވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ ޕާޓީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެވެ.