މާލޭގެ ނިކަމެތީންނަށް ހިލޭ ބެހި ގޯތިތައް ބޮޑު އަގުގައި ވިއްކާލާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ހުޅުމާލެ ފޭސް 2 ގައި އަލަށް ހަދާ ރެޑްވޭވް މޯލް ކައިރިން ދޫކޮށްފައިވާ ގޯއްޗެއް ވިއްކާލަން ސޯޝަލް މީޑިއާގައި ވަނީ އިއުލާންކޮށްފަ އެވެ.

އެ ގޯތި ވިއްކާލަން ނިންމާފައި ވަނީ ފަސް މިލިއަން ރުފިޔާ އަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ބައެއް ގޯތިތައް ވަނީ ގުދަނުގެ ގޮތުގައި ކުއްޔަށްދޫކޮށްފަ އެވެ. އަދި ކެފޭތައް ހިންގުމަށް ވެސް ބައެއް ތަންތަން ކުއްޔަށް ދޫކޮށްފައިވެ އެވެ.

މީގެއިތުރުން ހަމައެކަނި ވިޔަފާރީގެ ބޭނުމަށް ބޭނުންކުރެވޭގޮތަށް ވެސް ބައެއް ތަންތަން ވަނީ އިމާރާތްކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުނީ އަގުބޮޑުކޮށް ސަރުކާރުން ކުއްޔަށްދޫކޮށްފައިވާ މާރުކޭޓް ގޮޅި އެހެން ފަރާތަކަށް ކުއްޔަށްދިނުން މަނާކޮށްފައިވާއިރު، ހިލޭ ދީފައިވާ ގޯތިތައް ބޮޑު އަގުގައި ވިއްކާލިޔަސް މައްސަލައަކަށްނުވާ ކަމަށެވެ.