ސްޓްރޯކަކީ ކުއްލިއަކަށް ދިމާވާ، އަދި އޭގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތެރި ހާލަތެކެވެ. ބައެއް ފަހަރު މީގެ ސަބަބުން ފުރާނައަށް ނުރައްކާވާތީ، ބަލިން ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. ނަމަވެސް، ހިނގުމާއި، ޔޯގާ އަދި ސްޓްރެންތު ޓްރެއިނިން ފަދަ ތަފާތު ގޮތްތައް ހުރިއިރު، އުމުރުން 40 އަހަރުން މަތީގެ މީހުން އެންމެ އިސްކަންދޭންވީ ކޮން ކަމަކަށް ހެއްޔެވެ؟
މަނިޕާލް ހޮސްޕިޓަލްގެ ނިއުރޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް އަދި ސީނިއާ ކޮންސަލްޓަންޓް، ޑރ. ޝިވަކުމާރު އާރް، ވިދާޅުވީ އިންޑިއާގައި ސްޓްރޯކް ޖެހޭ މިންވަރު މަތި ކަމަށާއި، ހާއްސަކޮށް އަންހެނުންގެ މެދުގައި މިކަން އިތުރު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 80 އިންސައްތަ އިތުރުވާއިރު، ލޭމަތިވުމާއި ހަކުރުބަލީގެ ސަބަބުން އެ ފުރުސަތު ދެގުނަވެ އެވެ. އެހެންކަމުން އެންމެ ފައިދާހުރީ ކޮން ކަސްރަތެއް ހެއްޔެވެ؟ ޑރ. ކުމާރު ވިދާޅުވީ ވަކި އެއް ކަސްރަތަކަށްވުރެ ބޮޑަށް، ކޮންމެ ހަރަކާތަކީވެސް ތަފާތު ދައުރެއް އަދާކުރާ މުހިންމު ކަންކަން ކަމަށެވެ.
ހިނގުން
ހިނގުމަކީ މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ކަމެއް ކަމަށް ހީވި ނަމަވެސް، މިއީ ވަރަށް އަގުހުރި ކަމެކެވެ. މިއީ އެއްވެސް އާލާތެއް ނުވަތަ ފީއަކާ ނުލައި ފަސޭހައިން ފެށިދާނެ ކަމަކަށްވާތީ، މިއީ ކަސްރަތު ފެށުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނިއުރޮލޮޖިސްޓް ލަފާދެއްވަ އެވެ. "ހަފްތާއަކު ފަސް ދުވަހު، ދުވާލަކު 30 މިނެޓު ބާރަށް ހިނގުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިރުޝާދުދޭ ހަފްތާއަކު 150 މިނެޓުގެ މެދުމިންވަރެއްގެ ކަސްރަތު ހަމަވާނެ. މިއީ ލޭގެ ޕްރެޝަރާއި، ހަކުރާއި އަދި ކޮލެސްޓްރޯލް އެއް މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެއް" އޭނާ ވިދާޅުވި އެވެ.
ސްޓްރެންތު ޓްރެއިނިންގް
ހާއްސަކޮށް އަންހެނުންނަށް، ޑޮކްޓަރު ލަފާދެއްވަނީ ސްޓްރެންތު ކަސްރަތުތައް ކުރުމަށެވެ. ސަބަބަކީ އިއްދައިން ކެނޑުމަށްފަހު، މަސްތަކާއި ކަށިތައް ބަލިކަށިވާ މިންވަރު އަވަސްވާތީ އެވެ. ޑރ. ކުމާރު އިރުޝާދު ދެއްވަނީ ހަފްތާއަކު ދެ ދުވަހު މިފަދަ ކަސްރަތުތައް ކުރުމަށެވެ. ބަރު އުފުލުމާއި ރެސިސްޓަންސް ބޭންޑް ބޭނުންކުރުމަކީ ކަށިތަކާއި މަސްތައް ވަރުގަދަކޮށްދީ، ހަށިގަނޑުގެ ބަރުދަނާއި ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޔޯގާ
ދެން އޮތީ ޔޯގާ އެވެ. މިއީ ހުޅުތަކަށް ލުއި އަދި ނަފްސާނީ ބުރަ ކުޑަކޮށްދޭ ކަމެކެވެ. މާހިރުން ވިދާޅުވާ ގޮތުގައި ބައެއް ދިރާސާތަކުން ދައްކާގޮތުން ޔޯގާގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންމެވެސް ވަރަކަށް ދަށްކޮށްދެ އެވެ. ޔޯގާއަކީ ހިނގުމުގެ ބަދަލުގައި ކުރާ ކަމަކަށް ހެދުމުގެ ބަދަލުގައި، ހިނގުމާއެކު ކުރިއަށް ގެންދާ އިތުރު ހަރަކާތެއްގެ ގޮތުގައި ބޭނުންކުރުން މާ ފައިދާހުރިވާނެ އެވެ.
ނިއުރޮލޮޖިސްޓް ހިއްސާކުރެއްވި އެންމެ ރަނގަޅު ތަރުތީބަކީ: ގިނަ ދުވަސްތަކުގައި ހިނގުން، ހަފްތާއަކު ދެ ފަހަރު ސްޓްރެންތު ކަސްރަތުތައް ކުރުން، އަދި ހެނދުނު ނުވަތަ ނިދުމުގެ ކުރިން ޔޯގާ ހެދުމެވެ.
ނަމަވެސް ސްޓްރޯކްގެ ނުރައްކާ ކުޑަކުރުމަށް ހަމައެކަނި ކަސްރަތު ފުދޭކަށް ނެތެވެ. ގަވާއިދުން ލޭގެ ޕްރެޝަރާއި ހަކުރު ޗެކްކުރުމާއި، ލޮނު މަދުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، އަދި ހިތުގެ ވިންދު އަވަސްވާނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އޭނާ ބާރުއެޅުއްވި އެވެ. މޫނުގެ އެއްފަރާތް ވާގިދިއުން، އަތުގެ ވަރުދެރަވުން ނުވަތަ ވާހަކަދައްކަން އުނދަގޫވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ، ވަގުތުން ކުއްލި ފަރުވާ ހޯދަންޖެހޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް: މި ލިޔުމަކީ ހަމައެކަނި މައުލޫމާތު ފެތުރުމުގެ މަގުސަދުގައި ލިޔެފައިވާ ލިޔުމެކެވެ. މިއީ ސިއްހީ މާހިރެއްގެ އިރުޝާދުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ސިއްހީ އެއްވެސް ކަމެއްގައި އަބަދުވެސް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.
ނަޝީދުގެ ވިސްނުމަށް ގައުމީ މަޖިލީހުން ރުހުމެއް ނުލިބުނު!
އެންޑީއޭގެ މަރުކަޒުން ފިލި ފައިރިޝް ހޯދައި ހައްޔަރުކޮށްފި
ބީއެމްއެލް އިން 25،000ރ. ލިބޭ ޕްރޮމޯޝަނެއް