ބަނޑުހައި ވިޔަސް ލުއި ކެއުމެކެވެ. ފޫހި ވިޔަސް ލުއި ކެއުމެކެވެ. ހާސްވެ ކަންބޮޑު ވިޔަސް ލުއި ކެއުމެކެވެ. ކޮންމެއަކަސް ލުއިކާނާ ވެފައިވަނީ އަހަރުމެންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އެއްޗަކަށެވެ. ކިތަންމެ ބޭނުން ވިޔަސް ދުރުނުވެވޭ ހިތާހިތުގެ ގުޅުމަކަށެވެ. ނަމަވެސް ސިއްހަތަށް ބަލައި މިފަދަ ކެއުންތަކާ ދުރުވާން ޖެހިފައިވާއިރު އެކަމަށް އޮތް ފަސޭހަ ގޮތްތަކެއް ވެސް އެބަހުއްޓެވެ.
ފެން ބުއިން
ކުއްލިއަކަށް ބަނޑުހައި ވާނަމަ ބޮޑު ފެން ތަށްޓެއް ބޯލާށެވެ. އޭގެ އިރުކޮޅެއް ފަހުން ބަނޑުހައިކަން ފިލައިދާނެއެވެ. ހަށިގަނޑަށް ފެން ބޭނުންވުމުން ބައެއްފަހަރު ބަނޑުހައިވުން ކަމަށް ހީކޮށް ލުއި ކެއުމެއް ނުވަތަ ލުއި ބުއިމަކާއި ދިމާލަށް މިސްރާބު ޖެހުމުގެ ބަދަލުގައި ފެން ބުއިމަށް އާދަ ކުރާށެވެ.
ގިނައިން ޕްރޮޓީން ކެއުން
ގިނައިން ޕްރޮޓީން އެކުލެވޭ ކާނާ ކެއުމުން ކާހިއްވުން މަދުކޮށް ގިނައިރު ވަންދެން މީހާއަށް ނުކައި ހުރެވޭނެ އެވެ. ހަމަ އެއާއެކު ރޭގަނޑުގެ ވަގުތުގައި ލުއިކާނާ އަށް ހިތްކިޔާ މިންވަރު 50 ޕަސެންޓަށް ދަށްކޮށްދޭކަން ހޯދުންތަކުން ހާމަކުރެ އެވެ.
ހަމަނިދި ނިދުން
ކާހިއްވުމަކީ މީހާގެ ހަށިގަނޑުގައިވާ ހޯމޯންތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަކަށްވާއިރު ހަމަ ނިދި ނުލިބުމުން މި ހޯމޯންތަކުގެ މަސައްކަތަށް ބަދަލުތަކެއް އާދެ އެވެ. ރަނގަޅަށް ނިދި ލިބޭ މީހުންނާ އަޅާ ބަލާއިރު ހަމައަށް ނިދި ނުލިބޭ މީހުން ފަލަވުމުގެ ފުރުސަތު 55 ޕަސެންޓަށް އިތުރެވެ އެވެ.
ސްޓްރެސް ކުޑަ ކުރުން
ހާއްސަކޮށް އަންހެނުންނަކީ ފިކުރު ބޮޑުވެ ހިތް ނުތަނަވަސްވާ ހާލަތްތަކުގައި ހިތްހަމަޖައްސާލުމަށްޓަކައި ލުއި ކެއުމެއް އިހްތިޔާރު ކުރާ ބައެކެވެ. މީގެ އިތުރުން ސްޓްރެސްވުމުގެ ސަބަބުން ބަނޑުގައި ސަރުބީ އިތުރުވާން މަގުފަހިކުރުވާ ހޯމޯންއެއް ކަމަށްވާ ކޯޓިސޯލްގެ މިންވަރު ލޭގައި ގިނަވެ މީހާގެ ބަރުދަން އިތުރުވެ އެވެ..
ހައިބަނޑާ ބާޒާރު ނުކުރުން
ބަނޑުހައިވެހުރެ ވިޔަފާރިކުރަން ދިއުމުން އެވަގުތު ވިސްނޭނީ އެންމެ ރަނގަޅަކަށް ނޫނެވެ. ވިސްނުމަކާ ނުލައި ފެންނަހާ އެއްޗެއް ގަނެ ސިއްހަތަށް ފައިދާ ކުރާ ކާނާގެ ބަދަލުގައި ހިތްކިޔާ ކެއުންތައް ގަންނަން މަގުފަހިވެ އެވެ. އަތުން ކުރެވޭނީ ބޭކާރު ހަރަދެވެ. ފަހުން ގެއްލުން ވަނީ ސިއްހަތަށެވެ.