އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ބަނޑު ބޮޑުކަން ހާމަކޮށްފި އެވެ.

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިހާނާ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުކަން ހާމަކުރީ ނިއުޔޯކުގައި ނެގި ފޮޓޯއެއް އާންމުންނާ ހިއްސާކުރަމުންނެވެ.

އެފޮޓޯގައި ފިޔާތޮށި ކުލައިގެ ކޯޓެއް ލައިގެން ރިހާނާ ފެންނައިރު، އޭނާގެ ލޯބިވެރިޔާ ރަކީމް މޭޔަރު ވެސް ފެނެ އެވެ. ރިހާނާ ބަނޑުބޮޑުކަން ހާމަކުރުމަށް އޭނާ ލައިގެން ހުރި ޖެކެޓުގެ ގޮށްތައް ނައްޓުވާލުމަށްފަހު ފޮޓޯ ނަގައި އާންމުންނަށް ހިއްސާކޮށްފައިވެ އެވެ.

ރިހާނާގެ ބަނޑު ބޮޑު ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ހޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ރިހާނާއަށް މަރުހަބާ ކިޔާފަ އެވެ.

ރިހާނާގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބިއިރު، އޭނާ ލަވަކިޔުމުގެ ދާއިރާއަށް ނުކުތީ 2003 ވަނަ އަހަރުގަ އެވެ.

ދާދި ފަހުން ރިހާނާ ބިލިއަނަރަކަށްވިކަން ވެސް ފޯބްސްއިން ހާމަކޮށްފައިވެ އެވެ. އެގޮތުން ފޯބްސް އިން ބުނީ ރިހާނާއަކީ ބިލިއަނަރެއްގެ އިތުރުން ލަވަކިޔުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ލަވަކިޔުންތެރިޔާ ކަމަށެވެ.