އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސިޒޭރިއަން ހެދި މީހެއްގެ ގޮހޮރު ބުރިވި މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
މި ހާދިސާ ހިނގީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އޭނާގެ ހާލު ރަނގަޅު ނޫން ކަމަށާއި، މާލެ ގެންގޮސް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށް އޭނާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ރޭގެ ވަގުތެއްގައި ބުނީ ސިޒޭރިއަން ހެދި އަންހެން މީހާއަށް ދިމާވި ހިތާމަވެރި ހާދިސާ ބަލަމުން އަންނަ ކަމަށެވެ. އަދި ކަންޑައެޅިފައިވާ އުސޫލުތަކުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި އަންހެން މީހާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކު ބުނީ މިފަދަ ކަންބޮޑުވާ އެތައް ކަމެއްގެ ވާހަކަ އޭޑީކޭއިން ބުނި އިރު، ބަލި މީހާގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނުން އޭނާ ކުށްވެރިކުރާ ކަމަށެވެ.
އޭނާ ބުނީ އޮޕަރޭޝަން ކުރުމަށް ފަހު ހަތަރުވަނަ ދުވަހު މާ ބޮޑަށް ބަނޑުގައި ރިއްސުމުން އެކަން އެހާ ބޮޑުކަމެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށެވެ. އަދި އެއީ ގޮހޮރުގައި ބްލޮކެއް އުޅޭތީ ކަމަށާއި، ގޮހޮރު ސާފުކޮށްލުމުން އިތުރު ސާޖަރީއެއް ހަދަން ނުޖެހޭނެ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.
ހަމައެހެންމެ އާއިލާއަށް ދޮގުހެދުމަށް ފަހު، ދައްތަ އައިސީޔޫގައި ގެންގުޅުނު ކަމަށާއި، އާއިލާއިން މާލެ ގެންދަން އުޅުމުން ދައްތަ ދޫކޮށްނުލާ ހިފަހައްޓަން އުޅުނު ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް ގެއަށް ދޫކުރުމުން މާލެ އައިސް އޭޑީކޭއަށް ދެއްކިކަމަށާއި، އޭޑީކޭން ސާޖަރީ ހަދަން ޑޮކްޓަރުން ބެލި ބެލުމުގައި އަންހެން މީހާގެ ގޮހޮރު ބުރި ނުވެ އިނީ ހަމަ ކިރިޔާ ކަމަށް އެހޮސްޕިޓަލުގެ ޑޮކްޓަރުން ކިޔައިދިންކަމަށް އޭނާ ބުނެ އެވެ. އަދި އޭރު އެ އަންހެން މީހާގެ ބަނޑުގައި ދޮހާއި ފެން ހެދި ހާލު ސީރިއަސްވެފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ސިއްހީދާއިރާ އެއްކޮށް ފެއިލްވިއިރުވެސް ތިމާތިތަނުން ފެޔަށްޖެހޭކަށް އަދިވެސް ނުވޭބާ ރައްޔިތުން ބިކަހާލުގާ ޓެސްޓެއްވެސް ހަދާނުލެވޭ ބޭރަށްފޮނުވައިގެންނޫނީ ނަތީޖާލިބެން 2މަސް ނަތީޖާލިބޭއިރު ބަލިމމީހާބަލީގާ އޮންނަނީ ނިޔާވެފާ ސާބަސް