ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި 118،000 އަށްވުރެ ގިނަ މީހުން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،072 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 370،710 މީހަކު ހިމެނެ އެވެ.

މިހާތަނަށް ޖުމްލަ 118،396 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން 281 މީހަކު ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. އަދި އަތޮޅުތެރެއިން 1،767 މީހަކު ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

އެގޮތުން އިއްޔެ އެކަނިވެސް 1،767 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ބޫސްޓާ ޑޯޒް ހަމަކުރާ މީހުން، ކޮވިޑް ޖެހިފައިވާ މީހުންނާއި ޑައިިރެކްޓު ކޮންޓެކްޓް ވިނަމަވެސް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.