އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި އެ މަގާމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުން ރާއްޖޭގެ އެކި ސަރަހައްދުގައި ކެމްޕޭންކުރަން ފަށައިފި އެވެ.

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.

މެންބަރު އިމްތިޔާޒު އާއި ޓީމު މިހާރު އަންނަނީ ފުވައްމުލަކުގައި ކެމްޕޭނު ކުރައްވަމުންނެވެ. އަދި މިނިސްޓަރު ފައްޔާޒުގެ ޓީމު އަންނަނީ ނ. މިލަންދޫގައި ކެމްޕޭން ކުރައްވަމުންނެވެ.

މިލަންދޫގައި ކުރިއަށް ގެންދާ ފައްޔާޒުގެ ކެމްޕޭނުގެ ހަރަކާތުގައި "ހިނގާލުން" ކެމްޕެއިން ލޯންޗު ކުރުން އޮންނާނެ އެވެ. އިންތިގެ ކެމްޕޭން މިމަހުގެ 17 ނިޔަލަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޓީމުގައި ދައުލަތުގެ ވަޒީރުންނާއި، މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، އެމްޑީޕީގެ އިސްސަފުގެ ގިނަ މެމްބަރުން ވެސް ހިމެނެ އެވެ.

އިމްތިޔާޒު ފަހުމީ އާއި އޭނާގެ ކެމްޕޭން ޓީމު

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވަރަށް ގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގަ އެވެ.

މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.