ގދ. ފަރެސް މާތޮޑާގެ އެއާޕޯޓު ތަރައްގީކުރަން 144.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގެ އެއާޕޯޓް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހު ހުޅުވާލި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ހެދުމާއި ޓާމިނަލް ބިލްޑިން ހެދުން އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އުފަން ރަށުގެ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

ފަރެސް މާތޮޑާ އެއާޕޯޓު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި އެވެ. އާބާދީގައި 1،200 އެއްހާ މީހުން ދިރިއުޅޭ ރަށުގައި އެއާޕޯޓު ހެދުމަށް އެރަށުގެ ފަޅުތެރެއިން 19.8 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެ އެވެ.