ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރު ސިފައިންގެ ރާއްޖޭގެ އެއްވެސް ތަނެއްގައި ހަރަކާތްތެރިނުވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނީ އދ. މަހިބަދޫގައި "އިންޑިއާ އައުޓް" ނަމުގައި އިއްޔެ ކުރިޔަށްގެންދިޔަ ހަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް، ގައުމީ ދިފާޢީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެ ބަނދަރަކީ ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަރައްގީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށާއި، އެ ތަނަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ގޮތަށް ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ހައްގެއް ކަމަށެވެ. އަދި ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ނުވަތަ އެ ބަނދަރަށް ވަންނަން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރަށް ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައި ވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްްޓްރީން ދެ އެވެ.

މި ބަޔާނުގައި ރާއްޖޭގެ ގައުމީ ސަލާމަތާއި، ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގެއްލުވާލާ، ދިވެހި އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިފާއުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އެ މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ.