ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި 143،447 މީހުން ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،348 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 371،439 މީހަކު ހިމެނެ އެވެ.

މިހާތަނަށް ޖުމްލަ 143،447 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން 270 މީހަކު ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. އަދި އަތޮޅުތެރެއިން 1968 މީހަކު ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

އެގޮތުން އިއްޔެ އެކަނިވެސް 1،238 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު މިހާރު ވަނީ އުވާލާފަ އެވެ. ހަމައެހެންމެ ކޮވިޑުން ރައްކާތެރިވުމަށް އަޅާ މާސްކު އެޅުން މިހާރު މަޖުބޫރު ނޫންކަމަށް އެޕްޕީއޭއިން ރޭގައި ބުނެފައިވެ އެވެ.