އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު ހަ ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އަދި ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާއާ ހަވާލުކޮށް، މަޝްރޫއު ތަންފީޒުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

މިއީ ރާއްޖޭގައި އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއު އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އެވެ. އަދި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިން ގޯ އެވެ.

މި މަޝްރޫއިން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ. އަދި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިން ގޯ އެވެ.

ރާއްޖޭގެ އާބާދީ ބޮޑު ހަ ސަރަހައްދެއްގައި ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ތަންފީޒުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެންވަރުމަންޓް މިނިސްޓްރީ

މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދުވެސް ކޯޕަރޭޝަން އެގްރީމެންޓެއްގައި ސޮއިކުރި އެވެ. މި އެގްރީމެންޓަގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.

މި މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރަނީ:

  • 3 މެގަވޮޓް އައްޑު އަތޮޅުގައި
  • 2 މެގަވޮޓް ފުވައްމުލަކުގައި
  • 2 މެގަވޮޓް ގދ. ތިނަދޫގައި
  • 1.5 މެގަވޮޓް ހދ. ކުޅުދުއްފުށީގައި
  • 1.5 މެގަވޮޓް ބ. އޭދަފުށީގައި
  • 1 މެގަވޮޓް ޅ. ހިންނަވަރު

ހަކަތައާ ބެހޭ މިނިސްޓްރީން ބުނީ އެސްޕަޔާ މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް ހުޅަވާލި ފުރުސަތުގައި 34 ކުންފުންޏަކުން ޕްރީކޮލިފިކޭޝަން ހުށަހެޅި ކަމަށެވެ. އަދި ޕްރީކޮލިފިކޭޝަން ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ ހަތަރު ކުންފުންޏަކުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެއްމެ ކުޑަ އެގެއް ހުށަހެޅީ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އަދި ޗައިނާގެ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗާ އިން ކަމަށް ހަކަތައާ ބެހޭ މިނިސްޓްރީން ބުންޏެވެ. އަދި ހަ ސަރަހައްދެއްގައި ސޯލާ ޕީވީގެ ނިޒާމު ގާއިމުކޮށް އުފައްދާ ކަރަންޓް 15 އަހަރުގެ ޕަވާ ޕާޗޭސިން އެގްރީމެންޓެއްގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ވިއްކުމަށް އެ ކުންފުނިން ހުށަހެޅީ އުފައްދާ ކޮންމެ ކަރަންޓް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މިއީ މިހާތަނަށް ރާއްޖޭގައި ޕަވާ ޕާޗޭސިން އެގްރީމެންޓް މޮޑެލްގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގު. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެ ދަށް އަގެއް،" ހަކަތައާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް ނިމި ކަރަންޓުގެ ހިދުމަތް ދެވޭނޭ ކަމަށް އަންދާޒާ ކުރެވެނީ އެ އަހަރުގެ ފަހުކޮޅު ކަމަށެވެ. މި މަޝްރޫއިން 11 މެގަވޮޓްގެ ސޯލަ ޕީވީގެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މި ނިޒާމުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ ކަމަށް ވެސް ހަކަތައާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އޭގެ ސަބަބުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި، ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ވެސް ހަކަތައާ ބެހޭ މިނިސްޓްރީން ބުންޏެވެ.

"ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކް ޓަނުގެ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރެވޭނެ،" ހަކަތައާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެސްޕަޔާ މަޝްރޫއުގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.

އެ މިނިސްޓްރީން ހިންގާ އެސްޕަޔާ އަދި އެރައިސް މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރުމާއެކު އެކަމަށް ފުރުސަތުތައް ހުޅުވައިދިނުމާއި މިކަމާ ގުޅޭ ތަމްރީން ދިނުން މި މަޝްރޫއުގައި ހިމެނޭ ކަމަށް ހަކަތައާ ބެހޭ މިނިސްޓްރީން ބުންޏެވެ.