ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖެ އާބާދީގެ 34.19 ޕަސެންޓް މީހުން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،495 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 383،601 މީހަކު ހިމެނެ އެވެ.

އެއާއެކު ރާއްޖެއިން ފުރަތަމަ ޑޯޒް އާބާދީގެ 88 ޕަސެންޓް މީހުން ވަނީ ފުރިހަމަ ކޮށްފަ ނެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އާބާދީގެ 84.72 ޕަސެންޓް މީހުންނެވެ.

މިހާތަނަށް ޖުމްލަ 154،798 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ރާއްޖޭގެ އާބާދީން ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 34.19 ޕަސެންޓް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު މިހާރު ވަނީ އުވާލާފަ އެވެ. އޭގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް އަޅަން މަޖުބޫރުކުރި މާސްކު އެޅުން މިހާރު މަޖުބޫރު ނޫން ކަމަށް އެޕްޕީއޭއިން ބުނެފައިވެ އެވެ.