މޯލްޑިވްސް ފްލޯޓިން ސިޓީގެ މަޝްރޫއުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލާއި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ޑަޗް ޑޮކްލޭންޑްސް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕް އެވެ.

މިއަދު ސޮއިކުރި އެމްއޯޔޫއަކީ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއާ ގުޅޭ އެމްއޯޔޫއެކެވެ.

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އެމްއޯޔޫގެ ބޭނުމަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުމަށް މަސައްކަތް ކުރުމެވެ.

މިކަމާ ގުޅޭގޮތުން މޭޔަރު ޑރ މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމެއްގައި ފަހުން އެމަނިކުފާނާއި މިހާރުގެ ކައުންސިލުން އެ ކަމަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތަށް ހޯދައިދިނުންކަން މި އެމްއޯޔޫއިން ވެސް ދޭހަވެގެންދާ ކަމަށެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގައި ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައި މިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 46 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުން އެ މަޝްރޫއުގައި ބައިވެރިވާން ހުއްދަ ދިނުމުންނެވެ.

ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން 5،000 ފްލޯޓިންގެ އަޅަން މިހާރު ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަަށްވާ ބައިސަން ކުންފުންޏާ ހަވާލުކޮށްފަ އެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.