މަގާމެއް ނުލިބުމަކީ ކޮންމެ ދުވަހަކު މަޖިލީހުގައި ސަރުކާރާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ކުންފުނީގެ ބިލަށް ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ "ހިންގާލަން" ނަމުގައި ބޭކާރު ކުންފުނިތަކެއް އުފައްދަމުންދާ ކަމަށެވެ. އަދި އެއްވެސް މަސައްކަތެއް ނުކުރާ ދިހަ ކުންފުނި އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ބަލާލިއިރު ޑެފިނިޝަނަކަށް ހިންގާލަން މިއޮތީ، ޖީބަށް ބޮޑު ކުރުން، ދައްކާ ވާހަކައާ ކުރާ ކަންތަކާ ދިމާނުވުން،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރުގެ ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

އާޒިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ މެންބަރު ރޮޒެއިނާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަކީ ރައްޔިތުންނަށް ވަރަށް ވެސް ބޭނުން ތެރި މަސައްކަތްތަކެއް ކަމަށެވެ.

ކޮވިޑްގެ ހާލަތުން އަރައިގަނެ މިހާތަނަށް ވެސް އާދެވުނީ ވަރަށް ބައިވަރު އެހީތައް ރައްޔިތުންނާއި ވިޔަފާރިތަކަށް ވެގެން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބޯޑަރުތައް ހުޅުވި މަސައްކަތްތައް ކުރެވުނު ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މަގާމެއް ނުލިބުމަކީ، މިތާނގަ ކޮންމެ ދުވަހަކު ހެނދުނު ތެދުވެ، ސަރުކާރާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވުމެއް ނޫން." ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ 65 ގޮނޑި ރައްޔިތުން އެމްޑީޕީއަށް ދިނީ ސަރުކާރަށް އެއްބާރުލުން ދީގެން ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް މަޖިލީހުން ކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ރޯލު އަޅުގަނޑުމެންނަށް ނޭނގިގެން އުޅޭކަންވެސް ނުޖެހޭ. އަދި މަގާމަކަށް ކުރިމަތިލައި ނުހޮވުނީމަ، ދެންތިބި މީހުންނަށް އެ ވަރުބާލާކަށްވެސް ނުޖެހޭ،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަމަށް ކުރިމަތިލާ އެ އިންތިހާބުން ބަލިވި ފަހުން އަލީ އާޒިމް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމާ ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.