އއ. ތޮއްޑޫގައި ޙާފިޒްކަމުގެ ސަނަދު ހާސިލްކުރާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ތޮއްޑޫ ކައުންސިލުން ބުނީ، އެރަށުގެ ތަރައްގީ ޕްލޭންގައިވާ ގޮތުގެ މަތީން ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކޮންމެ ފަރާތަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ފައިސާ އަކީ ކެމްޕެއިން ވަޢުދުގައިވާގޮތުގެ މަތީން އެރަށު ކައުންސިލް ރައީސް އަހުމަދު ކަރަމްގެ ފަރާތުން 25,000 ރުފިޔާއާ ހެޔޮ ހެދޭ ފަރާތްތަކުން ހަދިޔާ ކުރާ ފައިސާއާ އެކު ދޭގޮތަށް ހަަޖެހުނު ރުފިޔާކަމަށް އެކައުންސިލުން ބުނެފައިވެ އެވެ.
މި އިނާމު ހާފިޒްކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވަނީ އިއްޔެ އެކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އޭގެ އިތުރުން ހިފްޒު ކްލާހެއް ކުރިއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ކައުންސިލްގެ އެހީގައި ދޭނެކަމަށްވެސް ތޮއްޑޫ ކައުންސިލުން ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ތޮއްޑޫގައި މިހާތަނަށް ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފައިވާ ތިން މީހަކު އެބަތިއްބެވެ.