ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި 157،295 މީހުން ޖަހައިފި އެވެ.

މިއީ ވެކްސިން ޖަހާ އުމުރުގެ އާބާދީގެ 34.74 ޕަސެންޓެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،539 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 383،809 މީހަކު ހިމެނެ އެވެ.

މިހާތަނަށް ޖުމްލަ 157،295 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ރާއްޖެއިން ފުރަތަމަ ޑޯޒް އާބާދީގެ 88 ޕަސެންޓް މީހުން ވަނީ ފުރިހަމަ ކޮށްފަ އެވެ. އަދި ދެވަނަ ޑޯޒް އާބާދީގެ 84.72 ޕަސެންޓް މީހުން ފުރިހަމަ ކޮށްފައިވާއިރު، ޖުމްލަ 34.74 ޕަސެންޓް މީހުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ހާލަތު މިހާރު ވަނީ އުވާލާފަ އެވެ. ހަމައެހެންމެ ކޮވިޑުން ރައްކާތެރިވުމަށް އަޅާ މާސްކު އެޅުން މިހާރު މަޖުބޫރު ނޫންކަމަށް އެޕްޕީއޭއިން ރޭ ބުނެފައިވެ އެވެ.