ސަރުކާރުން ވިސްނުންތެރިކަމާއެކު ކުރާ މަސައްކަތުން ދަރަނި މެނޭޖް ކުރެވޭނެ ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށާއި އަސާސީ ކަންކަން ކުރުމަށް ބޭނުންވާ ފައިސާ ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ދަރަނި ނަގަންޖެހޭކަން ދުނިޔޭގެ މާލީ އިދާރާތަކުން ގަބޫލުކުރާ ކަމަށެވެ. އަދި އެއިދާރާތަކާއި ގުޅިގެން ދަރަނި މެނޭޖް ކުރުމުގެ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ހާލަތުގައިވެސް އަޅުގަނޑުމެންނަށް ދަރަނިވެސް އެބަ ލިބޭ. ދަރަނި ނަގަން އެބަޖެހޭ. ތަރައްގީގެ ކަންކަންވެސް ރައްޔިތުން އެބަ ބޭނުންވޭ. އެ ކަންކަންވެސް ކުރެވޭނީ ދަރަނިވެސް ނަގައިގެން. ވަރަށް އުޖާލާކޮށް ފެންނަނީ.އިރާދަކުރެއްވިއްޔާ މިހާރު ހުރި ޕްލޭންތަކުގެ ތެރެއިން ކާމިޔާބު ލިބޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިކަމުންކުރާ އަސަރު ކުޑަ ކުރެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ، ދައުލަތުގެ މާލީ ފުދުންތެރިކަން ދެމެހެއްޓުމަށްޓަކައި ދަރަނި މެނޭޖްކުރުން ކޮންމެހެންވެސް މުހިންމުކަމަށް ވޯލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ދަރަނި މެނޭޖްކޮށްގެންވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވާއިރު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާކަން ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ދަނީ ފާހަގަކުރަމުންނެވެ.