އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އޭނާގެ ލޯބިވެރިޔާ ރަކީމް އެތިލެސްޓަން މޭޔަރާ ވަކިވެއްޖެ ކަމަށް ހަބަރުފެތުރިއްޖެ އެވެ.

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިހާނާ އޭނާގެ ލޯބިވެރިޔާއާ ވަކިވިކަމުގެ ހަބަރު އިވިފައިވަނީ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުވި ފަހުންނެވެ.

އެގޮތުން އޭނާގެ ލޯބިވެރިޔާ އޭސެޕް، އޭނާއަށް އޮޅުވާލިކަން ރިހާނާއަށް ފަޅާއަރާފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ. އަދި އޭނާ ރިހާނާއަށް އޮޅުވާލީ ރިހާނާގެ ކްލޯތިން ލައިންގައި މަސައްކަތް ކުރާ އަމިނާ މުއައްޑީ ނަމަކަށް ކިޔާ މުއައްޒަފަކާ އެކީގައި ކަމަށްވެސް އެނގިފައިވާކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ދާދި ފަހުން ރިހާނާ ބަނޑުބޮޑުކަން ހާމަކުރީ ނިއުޔޯކުގައި ނެގި ފޮޓޯއެއް އޭނާގެ ސޯޝަލްމީޑިއާގައި އާންމުކުރަމުންނެވެ. އަދި އޭނާގެ ބަނޑު ބޮޑު ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ހޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ރިހާނާއަށް މަރުހަބާ ކިޔާފަ އެވެ.

ރިހާނާގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބިއިރު، އޭނާ ލަވަކިޔުމުގެ ދާއިރާއަށް ނުކުތީ 2003 ވަނަ އަހަރުގަ އެވެ.

ދާދި ފަހުން ރިހާނާ ބިލިއަނަރަކަށްވިކަން ވެސް ފޯބްސްއިން ހާމަކޮށްފައިވެ އެވެ. އެގޮތުން ފޯބްސް އިން ބުނީ ރިހާނާއަކީ ބިލިއަނަރެއްގެ އިތުރުން ލަވަކިޔުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ލަވަކިޔުންތެރިޔާ ކަމަށެވެ.