ސްޕެއިންގައި ވަޒީފާ އަދާކުރާ އަންހެނުންނަށް މައްސަރު ކަންތަކާ ގުޅިގެން ކޮންމެ މަހަކު ވެސް ތިން ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މި ނިންމުމާއެކު ސްޕެއިން ވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މައްސަރު ކަންތަކާ ގުޅިގެން އަންހެނުންނަށް ޗުއްޓީ ދޭ ފުރަތަމަ ގައުމަށެވެ.

ސަރުކާރުގެ މި ނިންމުން އާއްމު ކޮށްފައިވާއިރު އަންނަ ހަފްތާގެ ތެރޭގައި މި އުސޫލު ތަސްދީގު ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އުސޫލުގެ ދަށުން ސްކޫލުތަކުގައި ވެސް އަންހެން ކުދިންނަށް ބޭނުންވާ ސެނިޓަރީ ޕެޑްއާއި ޓެމްޕޮން ފަދަ ވަސީލަތްްތައް ވެސް ފޯރުކޮށްދޭން ޖެހޭނެ އެވެ.

ހަމައެއާއެކު މިފަަދަ ތަކެތިން ނެގޭ ޓެކްސް ވެސް މައާފު ކޮށްދެވޭނެ ކަމަށް މި އުސޫލުގައި ބުނެފައިވެ އެވެ.

މި ނިންމުމަކީ މުވައްޒަފުންގެ ސިއްހަތު ޔަގީން ކުރުމަށާއި މަސައްކަތުގައި އުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެގައުމުގެ ޖެންޑާ މިނިސްޓްރީއިން ބުނެ އެވެ.

މައްސަރު ކަންތަކާ ގުޅިގެން ޗުއްޓީ ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި އެކަމާ ގުޅިގެން ސިއްހަތަށް ދިމާވާ މައްސަލަތަކުގެ ކުޑަބޮޑުމިން ހިމެނެ އެވެ.

"ކުޑަ އުނދަގުލެއް ވިޔަސް ޗުއްޓީއެއް ނުދެވޭނެ، ޗުއްޓީ ދެވޭނީ ބޯ އަނބުރައި ހޮޑުލުން ފަދަ ކަންކަން ދިމާވާ އަންހެނުންނަށް" އެ މިނިސްޓްރީއިން ބުނެފައިވެ އެވެ.

މައްސަރު ކަންތަކާ ގުޅިގެން އަންހެނުންނަށް ޗުއްޓީދޭ އެހެން ގައުމުތަކުގެ ތެރޭގައި ޖަޕާން، ދެކުނު ކޮރެއާ، އިންޑޮނޭޝިއާ އަދި ޒެމްބިއާ ހިމެނެ އެވެ.