ކާމިޔާބު ގިނަ ފިލްމުތަކެއް ދިވެހިންނަށް ގެނެސްދީފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ވެބް ސީރީޒް "މޫސުން"އާއެކު ދިވެހި ފިލްމީ ދާއިރާގެ މޫސުން ބަދަލުވާން ކައިރިވެއްޖެ އެވެ.

"މޫސުން"ގެ ފުރަތަމަ ޕޯސްޓަރު މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު އެ ސީރީޒްގައި ބެލުންތެރިން ޝައުގުވެރިވާނެ ފަދަ އެތައް ކަމެއް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

އެކި ޒަމާންތަކުގައި ދިވެހިންގެ ދިރިއުޅުން އޮތް ގޮތް ބެލުންތެރިންނަށް ދައްކުވައިދޭ "މޫސުން" ޑައިރެކްޓް ކޮށްދީފައިވަނީ އަލީ ޝިފާއު އެވެ.

މި ސީރީޒްގެ ވާހަކައިގެ ގޮތުން މިއީ މިފަހުގެ ދިވެހި އުފެއްދުންތަކާ ވަރަށް ބޮޑު ތަފާތެއް ހުންނާނެ އުފެއްދުމެއް ކަމަށް ލަފާ ކުރެވެ އެވެ.

ޖުމްލަ ދިހަ އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވެބް ސީރީޒްގެ މުހިއްމު ތަރިންގެ ތެރޭގައި ދަރާ މުހައްމަދު ރަޝީދު، އައިޝާ އަލީ، މުހައްމަދު މަޒީން، ސާމީ ހުސައިން، އާމިނަތު ޝުހާ، އަލީ ޝަޒްލީމް، މުހައްމަދު ޔާމީން އަލީ އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.

"މޫސުން"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކުރި ނަމަވެސް އެ ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް އަދި ނޭނގެ އެވެ. ސީރީޒް ރިލީޒް ކުރަން ހަމަޖެހިފައިވަނީ މީޑިއާނެޓްގެ ވީޑިއޯ ކްލަބްގަ އެވެ.

ޑާކްރެއިންއިން ވަނީ މިއަހަރުގެ މިހާތަނަށް ވެސް ބެލުންތެރިންނާ ހަމައަށް ގިނަ އުފެއްދުންތަކެއް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "ރޯލީމޭ" އަދި "ފެށުމާއި ނިމުން" ހިމެނެ އެވެ.