އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އޭނާގެ ކެމްޕޭން ޓީމަށް ހާއްސަ ޝުކުރު އަދާކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާއި ގާތުން ވާދަ ކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،163 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ.

މިނިސްޓަރު ފައްޔާޒު ވަނީ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނާއެކު ތިއްބެވީތީ އެކަމަށް ޝުކުރުއަދާކޮށްފަ އެވެ. އަދި މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވަނީ މި ކެމްޕޭނުގައި ދިމާވި ކަންތައްތަކާއު މެދުގައި މަޝްވަރާ ކުރައްވާ، އެކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދުގައި ވެސް މަޝްވަރާ ކުރައްވާފަ އެވެ.

އަދި ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހުރިހާ މެންބަރުން ވެސް އެކުގައި މަސައްކަތް ކުރުމަށް ޗެއާޕާސަންގެ ހައިސިއްޔަތުން ހުރިހާ މެންބަރުންނަށް އިލްތިމާސްކުރެއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކެމްޕޭން ޓީމުތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން..

ކެމްޕޭން ޓީމުތަކާއި ފައްޔާޒު ބައްދަލުކުރައްވާފައިވާއިރު އިއްޔެ ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ވެސް ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީން ވަނީ ފައްޔާޒު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަގުތީ ނަތީޖާ އިއުލާންކުރާތާ ހަތް ދުވަސް ތެރޭގައި ހަވާލުވާނެކަން ހާމަކޮށްފަ އެވެ.

ސިޔާސީ ކަން ކަމުގައި އެމްޑީޕީ ތަމްސީލްކުރެއްވުމާއި ސިޔާސީ ހަރަކާތް ހިންގުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދުގެ ބޮޑު ދައުރެއް އޮންނައިރު، ޗެއާޕާސަންގެ ގޮތުގައި ފައްޔާޒަކީ މިހާރު އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސް ބޭފުޅާ އެވެ.

ފައްޔާޒް ވިދާޅުވެފައި ވަނީ ކެމްޕޭނުގައި ފެނުނީ ސިޔާސީ ގޮތުން އެމްޑީޕީ ފައްކާވެފައި އޮތް މިންވަރު ކަމަށާއި އެންމެ އެކީގައި އެމްޑީޕީ ކުރިއެރުވޭނެ ކަމަށެވެ.