ޗައިނާގެ ކެންސީނޯ ބައޮލޮޖިކްސްއިން އުފައްދާފައިވާ ކޮވިޑް- 19 ގެ ކެންސީނޯ ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.

އެ ޖަމާއަތުން ބުނީ ކެންސީނޯ ވެކްސިންއިން ކޮވިޑްގެ އަލާމާތްތައް ފެނުމުގެ ފުރުސަތު 64 ޕަސެންޓް ކުޑަކޮށްދޭއިރު ބަލީގައި ބޮޑުވަރު ވުމުގެ ފުރުސަތު 92 ޕަސެންޓް ކުޑަކޮށްދޭ ކަމަށެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ޖެހުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

ކެންސީނޯ ވައިރަސް އުފެއްދުމުގައި ބޭނުންދ ކޮށްފައިވަނީ އެޑެނޮވައިރަސް ނަމަކަށް ކިޔާ ނުރައްކަލެއް ނެތް ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ހަށިގަނޑުގައި އެންޑި ބޮޑީސް އުފެދި ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެ އެވެ. މިއީ ޖޯންސަންސް އެންްޑް ޖޯންސަންސްއާއި އެސްޓްރަޒެނެކާއިން ވެސް ބޭނުންކުރި އުކުޅެވެ.

ޗައިނާގައި އުފައްދާ ވެކްސިންތަކަޓް ބައިނަލްއަގްވާމީ މާކެޓުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ކޮވެކްސް ވެކްސިން ކެމްޕެއިންގެ ދަށުން ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ވަނީ ސިނޮފާމްއާއި ސިނޮވެކްއަށް އޯޑަރުދީފަ އެވެ.

ކެންސީނޯ ވެކްސިންގެ ޖަހަން ޖެހެނީ ކިތައް ޑޯޒުކަން އަދި އެނގިފައި ނުވާއިރު މިކަމުގެ އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ.

މި ވެކްސިންއަކީ ޑަބްލިއުއެޗްއޯއިން ހުއްދަ ދިން 11 ވަނަ ވެކްސިން އެވެ.