ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ނުހައްގު ދައުވާކުރާ ފަރާތެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ޕްރޮސެކިއުޓާ އޮފީސް ފަސާދަވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލް ވެފައިވާ ކަމަށް ބުނެ މީޑިއާގައި ގެނެސްދީފައިވާ ހަބަރެއް ރީޓުވީޓް ކުރެއްވުމަށްފަހު އެވެ.

ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ވިދާޅުވީ ޕީޖީ ޝަމީމަކީ ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް ރައީސް ޔާމީނަށް ނުހައްގު ދައުވާކުރާ މީހެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. އަދި، ޕީޖީއަކީ ހެކިންތަކަކަށް އިމްތިޔާޒު ދިންއިރު އެމީހުންގެ ވަކީލުކަމަށާއި، މިހާރު އެމަނިކުފާނު ގެންދަވަނީ އެހެކިން ބޭނުންކުރައްވައިގެން ސިޔާސީ ދައުވާތައް އުފުއްލަވަމުން ކަމަށްވެސް ޖަމީލު ތުހުމަތު ކުރެއްވި އެވެ.

"ޕީޖީ ޝަމީމްއަކީ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް ރައީސް ޔާމީނަށް ނުޙައްޤު ދަޢުވާކުރާ ފަރާތެއްކަން އެސްޕީޕީ ޢާއިޝާގެ ވާހަކައިން ސާބިތުވެއްޖެ،" ޖަމީލު ވިދާޅުވި އެވެ. "ހެކިންނަށް އިމްތިޔާޒު ދިންއިރު އެ މީހުންގެ ވަކީލު، މިހާރު އެ މީހުން ބޭނުންކޮށްގެން ސިޔާސީ ދަޢުވާ އުފުލަނީ. މުޅި ޕްރޮސެކިއުޝަން ފަސާދަކޮށްފި،" އެމަނިކުފާނު ވިދާޅުވި އެވެ.

ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު،

ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝާ މައްސަލައިން ތަނާޒުލްވެވަޑައިގަންނަވާފައި ވަނީ ޕީޖީ ޝަމީމް އެ މައްސަލައަށް ނުފޫޒު ފޯރުވައި، އެކި ފަރާތްތަކާއި މެދު އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ. އެގޮތުން އައިޝާ ވިދާޅުވީ، ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލާގައި އުފުލާފައިވާ ދައުވާއާ ގުޅިގެން އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ބަލައިނުގެނެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރާ ފޯމު، އިސްތިއުނާފުކުރަން ހުށަހެޅުމުގެ މުހުލަތުގެ ފަހު ދުވަހާ ހަމައަށް ޕީޖީ ޝަމީމު ހިފަހައްޓަވައިގެން ހުންނެވި ކަމަށެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އުފުލުނު މަނީ ލޯންޑަރިން މައްސަލާގައި ޕީޖީގެ ފަރާތުން އިސް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އައިޝަތު މުހައްމަދެވެ.