ސްކައުޓް ހަރަކާތް ރާއްޖޭގައި މިހާރަށްވުރެ ފުޅާ ކުރެވިއްޖެނަމަ ދިވެހި މުޖްތަމަޢުގެ ތެރޭގައި ހުރި އިޖްތިމާއީ ގިނަ މައްސަލަތަކަށް ހައްލުހޯދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހި ސްކައުންޓް ހަރަކާތަށް 66 އަހަރުފުރޭ މުނާސަބާ ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސްކައުޓް ގާލާ ނައިޓްގައި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސްކައުޓް ހަރަކާތް މިހާރަށްވުރެ ފުޅާކުރެވިއްޖެނަމަ ދިވެހި މުޖްތަމައުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގު ކުށްތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެސް، އެދެވޭ ހައްލެއް ފެންނާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭކަމުގަ އެވެ.

ރާއްޖޭގައި ސްކައުޓް ހަރަކާތް މިހާރު ކުރިޔަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މި ހަރަކާތް އާންމުގޮތެގައި ކުރިޔަށްގެންދަނީ ސްކޫލް ކުދިންގެ މެދުގައި ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިމެންދެން ކަމުގަ އެވެ. އެއަށްފަހު އެފަދަ އެއްވެސް ހަރަކާތެއްނެތި ހުސްކަމެއްގެ ތެރޭގައި ކުދިން ތިބެންޖެހުމުން މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާއި އަދި އެ ނޫންވެސް މުޖުތަމައުގައި ހުރި ނުރަގަޅު ކަންކަމުގެ ތެރެއަށް ކުދިން ވަންނަން މެދުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ޒުވާނުންގެ ތެރޭގައި، މިފަދަ ހުސްކަމެއްގައި ބާކީވެފައި ތިބި ޒުވާނުންނަށް ސްކައުޓް ހަރަކާތް އަމާޒުކުރެވިއްޖެ ނަމަ، ނޭދެވޭ ކަންކަމާ ޒުވާނުންދުރުކޮށް، އެފަދަ ކަންކަމުގެ ތެރޭގައި ޝާމިލުވާ ޒުވާނުންގެ އަދަދު މަދުކުރެވިދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ސްކައުޓް ހަރަކާތުގެ ހަގީގީ ބޭނުމަކީ މިފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދީ ގައުމު ބިނާކުރުމަށް އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ތައްޔާރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެހެންމެ، ސްކައުޓް ހަރަކާތުގެ ބާނީ ކުރެއްވި މަސައްކަތަކީވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގާބިލު، އަދި ގައުމުދެކެ ލޯބިވާ، ގައުމުގެ ދިފާއުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބިނާކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަށް އަމާޒުކޮށްގެން ސްކައުޓް ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް ވިސްނުން ގެންގުޅުއްވުމަށް ސްކައުޓް ހަރަކާތުގެ އިސް ބޭފުޅުންނާއި ސްކައުޓް ކައުންސިލުގެ ބޭފުޅުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ސްކައުޓުންގެ ފަރާތުން އެމަނިކުފާނަށް ހުށައަޅުއްވާފައިވާ ކަންކަމަށް މިހާރުވެސް ސަރުކާރުން އަމަލީ ސިފަ ގެންނަވާކަން ފާހަގަކުރައްވައި ސްކައުޓުން ކޭމްޕް، ޖަމްބަރީފަދަ ހަރަކާތްތައް ބޭއްވުމަށް ކުރިންވެސް އޮތްފަދައިން މާލެ ކައިރި ސަރަހައްދުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ލަސްތަކެއްނުވެ ހަވާލުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

މި ޖަލްސާގައި، ސްކައުޓް ޙަރަކާތުގެ އެންމެ މަތީ ޝަރަފުކަމުގައިވާ "ސިލްވަރ ޓޫނާ" އެވޯޑް ހާސިލުކުރެއްވި ސްކައުޓުންނާއި ރައީސްގެ ސްކައުޓް އެވޯޑް ހާސިލުކުރި ސްކައުޓުންނަށް ބެޖާއި ޝަރަފުގެ ލިއުން ހަވާލުކޮށްދެއްވީ ޗީފް ސްކައުޓް އަދި ރައީސް ސޯލިހު އެވެ.