2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައި، އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ތިބި ކަމަށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ މޭޔަރުން ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު ހާމަކުރެއްވުމުން އެމަނިކުފާނަށް ތާއީދު ކުރައްވާކަން އެމްޑީޕީގެ އާންމު ގިނަ މެމްބަރުން އަންނަނީ ހާމަކުރައްވަމުންނެވެ.

އާންމު މެމްބަރުންގެ އިތުރު މިސަރުކާރުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ވަޒީރުވެސް މިހާރު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.

މިނިސްޓަރުންގެ އިތުރުން ރާއްޖޭގެ މާލެ ފިޔަވައި އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ފުވައްމުލަކު އާއި އައްޑޫ ސިޓީގެ މޭޔަރުންވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކޮށްފަ އެވެ.

ރައީސް ސޯލިހު ފުވައްމުލަކު ހަސަން އަތީގު ހިންގާ

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވި ސަބަބެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ރައިސް ސޯލިހަށް ތާއީދުކުރަން ޖެހޭ މައިގަނޑު ސަބަބަކީ އައްޑޫގެ ތަރައްގީ ގެނައުމަށް އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ މިސަރުކާރުން ކަމަށްވާތީ އެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލު ރަފީގުވެސް ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވީ މިސަރުކާރުން ވެފައިވާ ގިނަ ވައުދުތައް ފުއްދަވައިދެއްވާފައި ވާތީ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން ރައީސް އިއުލާންކުރެއްވިއިރު އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފަ އެވެ.